ENGLISH
15 މޭ 2026
ކޯޓުން އަމުރެއް ކުރީމަ އަޅުގަނޑަށް ވެސް ތަބާވުން ލާޒިމް: ރައީސް
15 މޭ 2026
|
ރައީސް މުއިއްޒު ޕީއެންސިގެ އިސްވެރިންނާއެކު. ފޮޓޯ؛ ވޮއިސް
އެންމެ މަޤްބޫލު
ކޯޓަކުން އަމުރެއް ކުރީމަ އެ އަމުރަކަށް ތަބާވެވަޑައިގަތުން އެމަނިކުފާނަށްވެސް ލާޒިމުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މިގައުމުގައި ގާނޫނީ ވެރިކަން ނަގަހައްޓާނެ ކަމަށެވެ. ވަކި މީހަކަށް ވަކި ގޮތެއް ނޯންނާކަމަށެވެ.
އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ މީހަކު ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް ފަރުވާލެއް ނެތްކަމަށާއި ނަމަވެސް ކޯޓުތަކުން ކުރާ ހުކުމަށް ތަބާވުން އެންމެންގެ މައްޗަށް ލާޒިމްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
"ކޯޓަކުން ވަކި ގޮތަކަށް ހުކުމެއް ކުރީމަ އަޅުގަނޑަށް ވެސް ލާޒިމްވާނެ އެ އަމުރަކަށް ތަބާވާން. އެއީ މުޅިން އެހެންކަމެއް. މީގެ ކުރިން އެފަދަ މިސާލުތައްވެސް ފެނިފައި ހުންނާނެ. ކެލަޔަށް ކުރި ދަތުރުގައިވެސް އިޖުތިޖާޖު ކުރި ރައްޔިތުންނާ ބައްދަލުކޮށްލާ ހާލު އޮޅުންފިލުވާލާ، އަޅުގަނޑު ބޭނުންވަނީ އެ ގޮތަށް ރައްޔިތުންގެ ހިޔާލު އޮޅުންފިލުވާލާ ކަންބޮޑުވާ ކަންކަން އޮޅުން ފިލުވާލައިގެން ކުރިއަށްދާން،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދާ ހަމައަށް ވެސް އެމަނިކުފާނު ވެރިކަން ހިންގެވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ މިގޮތަށް މިކަން ކުރެއްވި ނަމަވެސް ގާނޫނުގެ ވެރިކަން ގައުމުގައި ދަމަހައްޓާނެ ކަމަށެވެ. ގާނޫނާ ހިލާފަށް، ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއްގައި އޮންނަ ހަމައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޯޓަކުން އަމުރެއް ކުރީމަ އެ އަމުރަކަށް އެމަނިކުފާނުވެސް ތަބާވުން ލާޒިމްވާނެކަމަށް ރައީސް ވިދާޅުވި އިރު އެމަނިކުފާނުގެ އިސްތަށިފުޅުގައި ގަޛްފުގެ ތުހުމަތު އެޅުވި އަދަދު ނޫހުގެ ދެ ނޫސްވެރިން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ ޖަލަށް ލާފަ އެވެ. ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން އެ ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އަމުރެއް ނެރެފަ އެވެ. އެ އަމުރަށް ގޮންޖަހާ މި ދެ ނޫސްވެރީން ވަނީ ވާހަކަ ދައްކާފަ އެވެ.