ENGLISH
15 މޭ 2026
ކާމިޔާބެއްގައި ނަޒާހަތްތެރިކަން ނެތްނަމަ އެއީ ކާމިޔާބީއެއް ނޫން: ވަޒީރު ޑރ. މުއްޠަލިބު
15 މޭ 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް
އެންމެ މަޤްބޫލު
ކާމިޔާބެއްގައި ނަޒާހަތްތެރިކަން ނެތްނަމަ އެއީ ކާމިޔާބީއެއް ނޫން ކަމަށާއި ޓެކްނޮލިޖީގެ ކުރިއަރާފައިވާ މި ޒަމާނުގައި ވެސް، ބުރަކޮށް މަސައްކަތް ކުރުމަކީ އަދިވެސް ކާމިޔާބީގެ ތަޅުދަނޑި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނިކުފާނު ވިދާޅުވި ގޮތުގައި، ޓެކްނޮލޮޖީއަކީ ކުރިއަރާނެ އެއްޗެއްކަމަށާއި މިއީ އާޓިފިޝަލް އިންޓަލިޖެންސްގެ ޒަމާން ނަމަވެސް މަސައްކަތުގެ އަޚްލާޤާއި ބުރަކޮށް މަސައްކަތް ކުރުމަކީ ކާމިޔާބު ހޯދުމުގައި މިއަދުވެސް އަސާސީ ކަމެކެވެ.
ކޮންމެ ފަދަ ކާމިޔާބެއްގައި ވެސް ނަޒާހަތްތެރިކަން ނެތްކަމުގައި ވާނަމަ އެއީ ކާމިޔާބީއެއް ނޫންކަން ބަޔާންކުރައްވައި ވިދާޅުވީ، އެހެން މީހެއްގެ ހައްޤަކަށް އަރައިގަނެ އެހެން މީހެއްގެ އަބުރު ނަގާލައިގެން އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލައިގެން އެހެން މީހަކު ހިތްދަތިކޮށްލައިގެން ތިމާ ހޯދާ ކާމިޔާބީއަކީ އެއީ ކާމިޔާބީއެއް ނޫންކަމަށާއި އެއިން ލިބޭނެ ހަޤީޤީ މަންފާއެއް ނޯންނާނެ ކަމަށެވެ.
އަދުގެ ޖީލުތަކުގެ ވިސްނުން ތަރައްޤީވެގެންދާއިރު އެއާ އެއްވަރަށް އަޚްލާޤު ތަރައްޤީ ނުވާނަމަ މުޖްތަމައު ވެއްޓޭނީ އަނދަވަޅަކަށްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއަދުގެ ޖީލުތަކަކީ އަދި އަންނަން އޮތް ޖީލުތަކަކީ އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ޖީލުތަކެއް ކަމަށެވެ.
އެގޮތުން މޫސުމީ ބަދަލުގެ ނުރައްކަލާއި ނަފުސާނީ ބަލިމަޑުކަމާއި ސިޔާސީ ދެކޮޅުވެރިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މުއްސަނދިކަމާއި ފަގީރުކަމާ ދެމެދު އޮތް ތަފާތު ބޮޑުވަމުން ދިއުމާއި އާޓިފިޝަލް އިންޓަލިޖެންސާއެކު ފެތުރޭ ދޮގާއި ފިތުނަފަސާދައިގެ ވަބާ އިތުރުވެގެން ދިއުމާއި ޓެކްނޮލޮޖީގެ ގޮތުން އެންމެންނާ ގުޅިފައި ތިބި ނަމަވެސް އިހުސާސްވާ އެކަނިވެރިކަން ފާހަގަކުރެއްވި އެވެ.
ދަސްވެނިންނާ މުހާތަބުކުރައްވައި ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، މުޖުތަމައު ބޭނުންވަނީ ދަރިވަރުން މިކަންކަމާ ކުރިމަތިލާން ތައްޔާރުވެފައި ތިބުން ކަމަށާއި މުޖްތަމައުގައި އުފެދޭ މިފަދަ ކަންތައްތައް ހައްލުކުރާ ޒިންމާދާރު ބަޔަކަށް ވުމަށް ކަމަށެވެ.
"ކާމިޔާބީ ވާންޖެހޭނީ މުޖްތަމައަށް ފައިދާ ހުރި ކަމަކަށް. ސުވާލަކަށް ވަނީ ކާމިޔާބު މީހަކަށް ވުމަކަށް ނޫން. ސުވާލަކަށް ވަނީ ކާމިޔާބު މީހަކަށް ވެގެން މުޖްތަމައަށް ކޮށްދެވޭނީ ކޮންފައިދާއެއްތޯ،" ވަޒީރު މުއްޠަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސޯޝަލްމީޑިއާގެ މިޒަމާނުގައި ތިމާގެ ޕްރޮފެޝަން ކުރިއަރުވާއިރުގައި ތިމާގެ އިމޭޖް ތިމާގެ ބްރޭންޑް އުފައްދާ ޕްރޮމޯޓްކުރުމަށްވުރެ ދިރިއުޅުން ބިނާކުރަން އިސްކަންދޭންޖެހޭ ކަމަށެވެ.
"ތިމާ ދިރިއުޅެނީ އެހެން މީހުންނަށްޓަކައި ކަމަށް ވެގެން ނުވާނެ. ތިމާ ކުރާ ކޮންމެ ކަމަކީ ސޯޝަލް މީޑިއާގައި އެހެން މީހުންނަށް ދައްކަން ކުރާ ކަމަކަށް ވެގެން ނުވާނެ. ކައިވެނި ހަފުލާއަކީ އެހެން މީހުންނަށް ދެއްކެން ކުރާ ކަމަކަށް ވެގެން ނުވާނެ. ހަމަ އެބީދައިން ހޯދާ ތަޢުލީމަކީ ވެސް އެހެން މީހުންނަށް ދެއްކުމަށްޓަކައި ކުރާ ކަމަކަށް ވެގެން ނުވާނެ. އޭގެ ބަދަލުގައި އެކަން ކުރަންވާނީ ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް އެކަން ކުރަން ވާނީ އާއިލާއެއް ބިނާކުރުމަށް. އެކަން ކުރަންވާނީ މުޖްތަމައަށް މަންފާ ހޯދައިދިނުމަށް،".ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މާދަމާގެ މުސްތަޤުބަލް ބިނާވެފައި އޮންނާނީ މިއަދު ތައުލީމު ހާޞިލްކޮށްގެން ނުކުންނަ ޒުވާނުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށާއި ޤައުމު ބިނާކުރުމުގައި ކުރިއަށްދާން ގަސްދުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެހެން ކަމުން ޤައުމު އިސްކޮށް މިގައުމަކީ އަހަރެމެންެގެ އަބަދުވެސް ވަޒަން ކަމުގައި ދެކިގެން މަސައްކަތް ކުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.