ENGLISH
15 މޭ 2026
މިސްރާބު ޖަހަންވީ، ދަސްވެނިވާ ދަރިވަރުންގެ އަދަދަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު މީހުން އުފެއްދުމާ ދިމާލަށް: ތައުލީމީ ވަޒީރު
15 މޭ 2026
|
ތަޢުލީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު
އެންމެ މަޤްބޫލު
މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތައް މިސްރާބުޖަހަންވީ ދަސްވެނިވާ ދަރިވަރުންގެ އަދަދަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު މީހުން އުފެއްދުމާ ދިމާލަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، މަތީ ތައުލީމަށް އެކަށީގެންވާ ހޭދައެއް ކުރެވޭ ކަމަށާއި މިހާރުގެ ހިސާބަށް ބަލާއިރު ރަސްމީ ތައުލީމުގެ މަރުހަލާގައި ދަރިވަރަކަށްކުރާ ހޭދައަށްވުރެ މާބޮޑު ހޭދައެއެް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކުރެވޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ޑިގްރީއާއި މާސްޓަރސް ޕްރޮގްރާމްތަކުގައި އިގުތިސީދީ ގޮތުން ފައިދާވަނިވި އަދުތަކަށް ދަރިވަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށްވުރެ ބޮޑަށް ފެންވަރަށް ވިސްނަންވެއްޖެ ކަމަށެވެ. އަޅުގަނޑުމެން ރާއްޖޭގައި ހުރި ޔުނިވަރސިޓީ ކޮލެޖްތަކުން ތައުލީމު ހާޞިލްކޮށް އުނގެނި ދަސްވާކުއްޖަކީ ރާއްޖެއިން ބޭރުން އަންނަ ކުދިންނާ އެއްވަރުގެ ކުދިންނަށް ވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ތައުލީމީ ވަޒީރު ދެން ފާހަގަކުރެއްވީ އެކަން ނުކުރައްވާނަމަ ދެން ވާނެ ގޮތެވެ. ވިދާޅުވީ، ދެން ވާނެ ގޮތަކީ، ކުއްޖެއްގެ ބޮލަށް ޖެހޭވަރު ކިތަންމެ އަހަރަކަށް އިންވެސްޓް ކުރިޔަސް ދިވެހިރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކަށް އާންމު ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެން ނުދާނެ ކަމަށެވެ. ނަތީޖާއަކަށް ވެގެންދާނީ މީގެ ވިހި އަހަރުކަމުގައ ވިޔަސް، ނޫނީ 25 އަހަރުވިޔަސް، ތިމާގެ ދަރި މަތީ ތައުލީމު ޙާޞިލް ކުރުމަށް ބޭރަށް ފޮނުވުމަކީ ކޮންމެ ބެލެނިވެރިއެއްގެ ހުވަފެނަކަށްވުން ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ވިސްނަން އެބަޖެހޭ ކޮންކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ، ކޮންކަހަލަ ނިންމުންތަކެއް ނިންމައިގެންތޯ، އަޅުގަނޑުމެންގެ ޤައުމުގައި މި ހުރި އިންސްޓިޓިއުޝަންތަކަށް އިތުބާރު ހޯދާ، ފެންވަރު ރަނގަޅު މީހުން އުފައްދާ، އަދި މުޖްތަމައުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް ބަލައިގަނެވޭނެ ފެންވަރަށް އިންސްޓިޓިއުޝަންތައް ތަރައްޤީކުރެވޭނީ،" މަތީ ތައުލީމުގެ ކޮލިޓީ ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ފެންވަރު ރަނގަޅު މަތީ ތައުލީމެއް ދެވިއްޖެކަމަށް ވަނީނަމަ، ފުރަތަމަ ޑިގްރީ ހާޞިލްކުރާކަށް ރާއްޖެއިން ބޭރަށް ދާންނުޖެހޭ މިންވަރަށް ވަރަށް ގިނަ ދާއިރާތައް މިހާރުވެސް އިތުބާރު ވެސް ހޯދިފައިވާ ކަމަށެވެ. އެކަން ޕްރޮމޯޓް ވެސް ކުރަންޖެހޭ ކަމަށާއި ބެލެނިވެރިންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންޖެހޭ ކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ތައުލީމީ ހާލަތު އެންމެ ކައިރިން ފެނިވަޑައިގަންނަވާނެ ބޭފުޅެއްގެ ހައިސިއްޔަތުން ޑރ. އިސްމާއިލް ވިދާޅުވީ، ޤައުމެއް، މުޖްތަމައެއް ކުރިއަރައިގެން ދާނީ، އިލްމު އުނގެނުނު މަޤްޞަދު އެނގިގެން މަސައްކަތްކޮށްގެން ކަމަށެވެ. ސަނަދުގެ ބޭނުމަކީ ވަޒީފާގެ އޮނިގަނޑުން ކުރިއަށްދާން ހަމައެކަނި ބޭނުން ކުރާން އޮތް ވަޞީލަތެއް ކަމުގައި ވަނީނަމަ ހޯދާ ސަނަދަކުން، ހޯދާ ޑިގްރީއަކުން، ނޫނީ މާސްޓަރސްއަކުން މުޖްތަމައަށް ހެޔޮއަސަރެއް ނުކޮށްފާނެ ކަމަށެވެ.