ENGLISH

15 މޭ 2026

Advertisement

މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ތަންފީޒުކުރެވުނު: ރައީސް

15 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިދިކޮޅު ފަރާތްތަކުން މިޤައުމުގެ ސަރުކާރު ހިންގިއިރު ޤައުމުގެ އިގުތިސާދު އޮތީ ވަރަށްބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމުގައި ވިދާޅުވި އެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމާ ޙަވާލުވުމަށްފަހު މިދިޔަ ދެއަހަރާބައިގެ ތެރޭގައި ވަށާޖެހޭ އިގުތިސާދީ ސިޔާސަތެއް ސަރުކާރުން ތަންފީޒުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ބޮޑެތި ދަރަނިތައް، މިއަދު މިގެންދަނީ ދައްކާ ޚަލާސްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދޮޅު މަހެއްހާ ދުވަހުގެތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެތެރެއިން އެންމެބޮޑު އެއް ދަރައްޏަކީ ސުކޫކު ކަމަށާއި ސުކޫކުގެ ދަރަނި އަދާކުރުމަށް 524 މިލިއަން ޑޮލަރު ދެއްކިއިރު ޤައުމުގެ ހަރުމުދާތައްވެސް ރަހުނުކޮށްފައިހުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"އިރާދަކުރެއްވިއްޔާ! މިކުރެވޭ އިގުތިސާދީ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުންނަށް އަތްފޯރާފަށަށް، ރައްޔިތުންގެ މުދާ، ރައްޔިތުން ގަންނަން ބޭނުންވާ ތަކެތި ލިބޭނެގޮތް އިތުރަށް ފުޅާވެގެންދިއުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދެއްކުމުގެ ބުރަ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ ޤައުމުގެ މުސްތަގުބަލަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

އެކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް ކުރިން ޖައްސާފައި އޮތް ދަރަނި އެތައް ތަނަކުން ލުއިވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ޤައުމުގެ އިގުތިސާދު ނަގައިކޮޅަށްޖެހުމަކީ ދިވެހީންގެ ރާއްޖެ ގެނައުމަށްޓަކައި ވީ ވަޢުދުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަންތައްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްއެރުވި އެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދު ނަގައިކޮޅަށްޖެހުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ވަރަށް ބޮޑަށް ކާމިޔާބު ވަމުންދާކަމުގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު