ENGLISH
13 މޭ 2026
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު ދަންމާލައިފި
13 މޭ 2026
|
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް-- ފޮޓޯ: ހަތާވީސް
އެންމެ މަޤްބޫލު
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ހުދު ސަމާލު މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ދަންމާލައިފި އެވެ.
ހެނދުނު 9:30 އާއި ހަމައަށް ނެރުނު ހުދު ސަމާލު ދަންމާލާފައިވަނީ މިއަދު ހަވީރު 15:30 އާއި ހަމައަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހަވީރު 9:30 އިން ފެށިގެން ހަވީރު 15:30 އާ ހަމައަށެވެ. މެޓްއިން ބުނެފައިވަނީ މި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން މިއަދު ހެނދުނު ބ އަތޮޅުން ފެށިގެން ފ. އަތޮޅަށް ހެނދުނު 7:50 އިން 13:00 އަށްވެސްް ހުދު ސަމާލު ނެރެފައިވެ އެވެ.
ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މި ހަފްތާގައި މޫސުން ގޯސްވާނެތީ އެކަމާ ގުޅިގެން މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކުރެ އެވެ.