ENGLISH

13 މޭ 2026

Advertisement

އެމްޓީޑީސީ އޮފީސް އިމާރާތުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

13 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެމްޓީޑީސީ އައު އޮފީސް އިމާރާތް- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ތަރައްޤީކުރާ އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑުބައެްއް ނިމި، އެ މަޝްރޫއުގެ ފަހު މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނީގެ މެނޭޖިިންގ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިހާރު 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެމްޓީޑީސީގެ އައު އިމާރާތް އަޅަމުންދަނީ ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށް ވާގޮތަށެވެ.

މި އިމާރާތުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވައި ނިޔާޒު ވިދާޅުވީ، އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން އިމާރާތުގެ ބޭރުގައި ހަރުކުރާ ބިއްލޫރި ވޯލް ސިސްޓަމާއި ފަސާޑުގެ މަސައްކަތް ވެސް ނިންމާލެވިފައިވާކަމަށެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ސިސްޓަމްތައް ޓެސްޓުކުރުމާއި، ފަރުނީޗަރު ހަރުކުރުމާއި، ފާޚާނާ ފިޓިންގްސް ހަރުކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާއިރު، ޖޫންމަހުގެ ކުރިން އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ ނިޔާޒު ވިދާޅުވިއެވެ.

މި އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންްއާ އެކު ބިން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، މި އިމާރާތުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހުނާން ނަންބަރު 6 އިންޖިނިއަރިންގ ކޮމްޕެނީއާއެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ގެޑޯ އާކިޓެކްޓްސްއިންނެވެ.

މިއީ 11 ފަނގިފިލާއަށް ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. އެގޮތުން މި އިމާރާތުގައި ކޮންފަރެންސް ހޯލަކާއި ބިސްނަސް ލޯންޖެއް ވެސް ހުންނާނެއެވެ. އަދި އިމާރާތުގެ އެހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ އޮފީސް ޖާގަތަކަށެވެ.

މި އައު އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ ކުންފުނީގެ ދެމެހެއްޓެނިވި ކުރިއެރުމަށް ލިބޭ ބޮޑު ކުރިއެރުމެއްްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު