ENGLISH

13 މޭ 2026

Advertisement

ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް ލިބޭނެ: ޝިމާދު

13 މޭ 2026

|

ޝިފްޒާން އަޙްމަދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް، ފޮޓޯ: މިހާރު

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ އެތަކެތި ރާއްޖެއަށް އެތެރެކުރާ އެހެނިހެން ވިޔަފާރިތަކާއެކު މަސައްކަތްކޮށް ރާއްޖެއަށް ބޭނުންވާ ކޮންސްޓްރަކްޝަން މުދާ އެތެރެކުރާނެ ކަމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވިޔަފާރިއާއި އިގުތިސާދީ ދާއިރާގެ އަދާހަމަ މައުލޫމާތު ގެނެސްދިނުމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝިމާދު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ ބައެއް މުދާ ލިބުމުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފަައިވާ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ސިމެންތިއާއި ހިލަވެލި ގެންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އެގޮތުން ހިލަވެލި އެންމެ ގިނައިން ރާއްޖެއަށް ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖެއިރާއިންކަމަށްވާއިރު، ސިމެންތި އެންމެ ގިނައިން ގެންނަނީ އޮމާނުންނެވެ. 

މިތަކެތި ބާޒާރުން ލިބެންހުރި މިންވަރު މަދުވުމުގެ އިތުރަށް، އެ ތަކެތީގެ އަގުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޝިމާދު ފާހަގަކުރެއްވިއެވެ. އަދި މެދުއިރުމަތި ފިޔަވައި އެހެން ގައުމުތަކުން މުދާ ހޯދުމުގައިވެސް ބައެއް ކަހަލަ ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަަކުރެއްވިއެވެ. ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުން އެހެނިހެން ބާޒާރުތަކުން ކޮންސްޓްރަކްޝަންގައި ބޭނުންކުރާ ތަކެތި ގަންނަމުންދިއުމަކީ އެތަކެތި ހޯދުމުގައި ދިމާވާ ދައްޗެއްކަމަށް ފާހަގަކުރެއްވިއެވެ. 

"މެދުއިރުމައްޗަކީ މުދާ އުފައްދާ ސަރަހައްދަކަށްވެފައި، ހާއްސަކޮށް ކޮންސްޓްރަކްޝަން މެޓީރިއަލް، އަނެއްކޮޅުން ކޮންސްޓްރަކްޝަން މެޓީރިއަލްގެ އެންމެ ބޮޑު ކޮންޒިއުމާ. މިހާރު ދުބާއީ ސައުދީ އަދި ގަތަރު ތަންތަނުގައި އިމާރާތްތައް އެދަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަދި އުސްވަމުން. އެހެންވީމާ މެދުއިރުމަތިން ދުނިޔޭގެ އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓުކުރުން ހުއްޓައިލުމުގެ އިތުރުން މެދުއިރުމަތިން ކުއަރީސް އެބަދޭ އެހެން ގައުމުތަކަށް،" ޝިމާދު ވިދާޅުވިއެވެ. 

މެދުއިރުމަތިން މުދާ ބޭރުކުރުން ހުއްޓިފައިވާއިރު އެފަދަ މުދާ އުފައްދައި ބޭރުކުރާ އެހެން ގައުމުތަކުން މެދުއިރުމައްޗަށް މުދާ ބޭރުކުރާ މިންވަރު އިތުރުވުމުގެ ސަބަަބުން ކޮންސްޓްރަކްޝަން މެޓީރިއަލް ރާއްޖެއަށް ހޯދުމުގައި ގޮންޖެހުންތަަކެއް ކުރިމަތިވި ނަމަަވެސް ވަރަށް އަވަހަށް ބާޒާރުން އެ މުދާ ލިބޭނެކަން ކަށަވަރުކުރެވިގެންދާނެކަން ޝިމާދު ފާހަަގަކުރެއްވިއެވެ. ނަމަވެސް މުދަލުގެ އަގަކީ ބާރުފޯރުވޭ ކަމަކަށްނުވާތީ މިވަގުތު ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދާ ލިބޭނީ ހަނގުރާމައިގެ ކުރިން އެ މުދާ ލިބުނު އަގަށްވުރެ ބޮޑު އަގެއްގައި ކަމަށް އެމްޑީ ވިދާޅުވިއެވެ. 

އެމްޑީ ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މުދާ ލިބުމުން ރަށްރަށަށް އަދި އަތޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަަތްކުރަމުންދާ ކަމަށެވެ. އެގޮތުން ތިލަފުށިން ވިޔަފާރިވެރިންގެ އޯޑަރަށް ބޯޓުފަހަރަަށް އެ މުދާ ބަރާކޮށްދެމުންދާކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ އެސްޓީއޯގެ ދޯނިފަހަރުގައި ރަށްރަށަށް ކޮންސްޓްރަކްޝަން މުދާ ފޯރުކޮށްދެމުންދާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު