ENGLISH

13 މޭ 2026

Advertisement

ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރުވުން؛ ސްޓިއަރިން ކޮމިޓީތައް އެކުލަވައިލާ ހުރިހާ ރަށެއްގައި ޖަގަހަތައް ގާއިމުކުރަނީ

13 މޭ 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ލީޑާޝިޕުން ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަަލުވުމުގެ ތެރެއިން، ފޮޓޯ: ޕީއެންސީ

އަަންނަ އޮކްޓޯބަރު މަހު ބާއްވާ ޕީޕަލްސް ނޭޝަނަަލް ކޮންގްރެސް ޕާޓީގެ ކޮންގްރެެސްއާއެކު ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފުޅާކޮށް ޕާޓީގެ އާއްމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ޕާޓީގެ ލީޑާޝިޕުން ވިދާޅުވެއްޖެއެވެ. 

އިއްޔެ ޕީއެންސީގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބުރައީސް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވީ އަންނަ އޮކްޓޯބަރު މަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. 

ޝިޔާމު ފާހަގަކުރެއްވި ގޮތެއްގައި ކޮންމެ ޕާޓީއެއްގެ ހަޔާތުގައިވެސް ޕާޓީގެ ކޮންގްރެސްއަކީ މުހިއްމު ހަރަކާތަކަށްވަނީ އެ ޕާޓީއެއްގެ ކުރިމަގުގައި ހިންގާނެ ހަރަކާތްތަކާއި ޕާޓީ މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތާ ގުޅޭ މުހިއްމު ބޮޑެތި ނިންމުންތަކެއް ޕާޓީގެ ކޮންގްރެސްގައި ނިމިގެންދާތީއެވެ. 

ޕާޓީގެ ކޮންގްރެސް އެންމެ ބޮޑަށް މުހިއްމުވަނީ އެ ޕާޓީގެ އާއްމު މެންބަރުން ނުވަތަ ގްރާސްރޫޓަށްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ކޮންގްރެސްއަކީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕާޓީއަށް ގެންނަން އާއްމު މެންބަަރުން ބޭނުންވާ ބަދަލުތައް ގެނައުމަށް އޮންނަ ވަސީލަތް ކަމަށެވެ. 

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕާޓީގެ އާއްމު މެންބަރުން ބޭނުންވާ ބަދަލުތައް މިގެނެވެނީ ހުޅުވާލެވިފައިވާ ކޮންގްރެސްއެއްގައި ހުޅުވައިލެވޭ އިންތިހާބުތަކެއްގެ މައްޗަށް ހަގީގަތުގައި މިކަންކަން ބަދަލުވެގެންދަނީ. އަޅުގަނޑުމެންގެ ރައީސަކީ ވަރަށް ބޮޑަށް އާއްމު މެންބަރުންގެ އަޑުއައްސަވާ ބޭފުޅެއް،" ޝިޔާމު ވިދާޅުވިއެވެ. 

ޕާޓީގެ ކޮންގްރެސްގެ ކުރިން ޕާޓީގެ ސްޓިއަރިން ކޮމިޓީތައް އެކުލަވައިލާ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރެވިގެންދާނެ ކަމުގައި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ އިންތިހާބުތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހަައި ދުވަސް ތެރޭ ނިންމައިލެވޭނެއެވެ. 

އިތުރަށް ފަލާހު ވިދާޅުވެފައިވަނީ މިހާރު ޕާޓީގެ ޖަގަހައެއް ނުވަތަ އޮފީހެއް ގާއިމުކުރެވިފައި ނެތް ބައެއް ރަށްރަށް އެބަހުރި ކަމަށެވެ. ނަމަވެސް ޖަގަހައާއި އޮފީސް ހުރި ރަށްތަކަށް އެ ޕާޓީގެ ފަރާތުން ވަސީލަތްތައް ފޯރުކޮށްދީފައިވާނެ ކަމަށާއި، ޕާޓީގެ އަމާޒަކީ އޮކްޓޯބަރު މަހު ކޮންގްރެސް ބޭއްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް ނިންމުން ކަމަށް ފަލާހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު