ENGLISH

12 މޭ 2026

Advertisement

ޕާޓީން ވަކި ގޮތެއް ނިންމި ނަމަ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީއެއް ނުބާއްވާނެ: ފަލާހް

12 މޭ 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓަކު ކޮންގްރެސް ޕާޓީން ކަނޑައެޅިނަމަ އެ ދާއިރާގެ ޕްރައިމަރީއެއް ޕާޓީން ނުބާއްވާނެކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފަލާހު ވިދާޅުވީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވީ ވެސް އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކަމަށެވެ. 

ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު ސިނާން ވަނީ ސައީދުގެ ފަހަތްޕުޅަށް އަރަން ނިންމާފަ އެވެ. މި ނިންމެވުމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ އެއީ އެ ދެބޭފުޅުންގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. 

"ޕާޓީގެ ނިންމުމެއް ނަމަ ޕްރައިމަރީއެއް ނުބާއްވާނެ. ޕާޓީއަށް އިހްތިޔާރު އޮންނާނެ ޕްރައިމަރީ ބޭއްވުމާއި ނުބޭއްވުން. ޕާޓީގެ ލީޑާޝިޕުން އެދުނީ ޕްރައިމަރީ ބާއްވަން،". ފަލާހް ވިދާޅުވި އެވެ. 

މި ނިންމުމާ ގުޅިގެން ސިނާނުގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ބުނާ ވާހަކަތައް ފަލާހްވަނީ ދޮގުކުރައްވާފަ އެވެ. 

"އެއްގޮތަކަށް ވެސް އެހެނެއް ނޫން. ބައްލަވާ ސިނާންއާއި ސިނާންގެ ސަޕޯޓަރުން މިހާރު ކުރިއަށްދާ ދޮރުންދޮރަށް ހަރަކާތްތަކުގައިވެސް އެންމެ އިސް ސަފުގައި އެ ތިއްބަވަނީ.  އެބޭފުޅުންނާއި ގުޅިގެން ސަރުކާރަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތްޕުޅުތަކަށް ރައީސްގެ ނަންފުޅުގައި ޝުކުރު ދަންނަވަން. އެއްވެސް ބައިބައިިވުމެއް ނެތް. ހަަމަ ވަރަށް ސުލްހަވެރިކޮށް ދަނީ،". ފަލާހް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން މިހާރު ތަރުތީކޮށްފައިވާއިރު ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު އެކެކެވެ. 

އަދި އެމްޑީީޕީން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު