ENGLISH
12 މޭ 2026
ދުއިސައްތަ އަހަރަށްފަހު ރެޑް އެންޑް ގްރީން މަކާއޯ ބްރެޒިލްގެ ޖަންގަލިތަކަށް އެނބުރި އަތުވެއްޖެ
12 މޭ 2026
|
ރެޑް އެންޑް ގްރީން މަކާއޯ ބްރެޒިލްގެ އެޓްލާންޓިކް ފޮރެސްޓުގައި-- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
ބްރެޒިލްގެ އެޓްލާންޓިކް ފޮރެސްޓުން ރެޑް އެންޑް ގްރީން މަކާއޯ ހުސްވިތާ 200 އަހަރު ފަހުން، އެ ސަރަހައްދުގައި އަލުން މި ބާވަތުގެ ދޫނިތައް އާލާވާން ފަށައިފި އެވެ. ބީބީސީ ވައިލްޑްލައިފްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ މި ދޫނިތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ ކުރިން ބްރެޒިލްގެ ގިނަ ސަރަހައްދުތަކުން ފެންނަ ރެޑް އެންޑް ގްރީން މަކާއޯ، އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދުތަކުން މަދުވެގެން ދިޔައީ ޖަންގަލިތައް ކަނޑައި ހަލާކުކުރުމާއި، ވިޔަފާރީގެ ބޭނުމަށް ގަވާއިދާ ހިލާފަށް ދޫނި ހިފުމުގެ ސަބަބުންނެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި 2022 ވަނަ އަހަރު ބްރެޒިލްގެ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ރިނިއުވަބަލް ނެޗުރަލް ރިސޯސަސް އިން ވަނީ މި ދޫނިތައް އަލުން އާލާކުރުމުގެ ޕްރޮގްރާމެއް ފަށާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރު، ބަންދުކޮށްގެން ގެންގުޅުނު 35 ދޫންޏެއް ވަނީ ތަމްރީނުކޮށް، ވައިލްޑްލައިފް ނާސަރީތަކުގައި ޖަންގަލީގެ މާހައުލަށް ހޭނުވުމަށްފަހު ބްރެޒިލްގެ ދެކުނު ބަހިއާގެ ޖަންގަލިތަކަށް ދޫކޮށްލާފަ އެވެ. މި ދޫނިތަކަށް ބޭނުންވާ ކާނާއާއި ހާލި ހެދުމަށް ބޭނުންވާ ފޮށިތައް އެ ސަރަހައްދުގައި ގާއިމްކޮށްފައިވެ އެވެ.
ރެޑް އެންޑް ގްރީން މަކާއޯ ބްރެޒިލްގެ އެޓްލާންޓިކް ފޮރެސްޓުގައި-- ފޮޓޯ: ޕީޕަލް.ކޮމް
މިދިޔަ އޭޕްރީލް މަހު، މި ފޮށިތަކުގެ ތެރެއިން ދެ ޅަދޫނި ފެނުމާއެކު، މިއީ ތާރީޚީ ވަގުތަކަށް ވަނީ ވެފަ އެވެ. ޕްރޮޖެކްޓް ކޯޑިނޭޓަރު ލީޖިއާ އިލްގް ވިދާޅުވި ގޮތުގައި، ޅަދޫނިތައް އަމިއްލައަށް އުދުހި، ކާނާ ހޯދަން ފެށުމަކީ ވަރަށް އަސަރުގަދަ މަންޒަރެކެވެ. މީގެ އިތުރުން، ގިނަ ދުވަހު ބަންދުކޮށްގެން ގެންގުޅޭ ދޫނިތައް އިންސާނުންގެ އެހީއާ ނުލައި ޖަންގަލީގައި ނޫޅެވޭނެ ކަމަށް ބުނާ ވާހަކައަކީ ކޮޅެއްނެތް ދޮގެއްކަން މި މަސައްކަތުން ސާބިތުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހުންނަ ތިޖޫކާ ނޭޝަނަލް ޕާކަށްވެސް ވަނީ ބްލޫ-އެންޑް-ޔެލޯ މަކާއޯ އަލުން އާލާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. "ރެފައުނާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިހާރު ދޫކޮށްލާފައިވާ ހަތަރު ދޫންޏެއްގެ ހަރަކާތްތައް އެމީހުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
ޕާކުގެ ޑިރެކްޓަރު ވިވިއަން ލަސްމާ ވިދާޅުވި ގޮތުގައި، މި ރީތި ދޫނިތައް އަލުން ސިޓީގެ ތެރެއިން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި މިއީ އެ ސަރަހައްދުގެ ރައްޔިތުން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށްވެސް އޭނާ ސިފަކޮށްފައިވެ އެވެ.