ENGLISH
12 މޭ 2026
މިވަގުތަށް ބިން ލިބިފައިވަނީ 10،700 ފްލްޓް އެޅޭ ވަރަށް، އިތުރަށް ބިން ހޯދަނީ
12 މޭ 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
އެންމެ މަޤްބޫލު
މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ވުޒާރާއަށް މިވަގުތަށް ބިން ލިބިފައިވަނީ 10،700 ފްލްޓް އެޅޭ ވަރަށްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކުރާ 3260 ފްލެޓުގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމާއި، ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ފައިނަލްވެފައިވާކަމަށް ވިދާޅުވި އެވެ. މިހުރިހާ މަޝްރޫއުތަކަކަށް ފައިސާ ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ހިލޭ ބިން ދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ގަނެވޭ ގޮތަށް މަޝްރޫއުއެއް ހިންގުމަށް ވެސް ތައްޔާރުވަމުން އަންނައިރު އެ މަޝްރޫއުގެ ދަށުން 2،000 ފްލެޓު އެޅުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ހިންގުމަށް ގިނަ އަދަދެއްގެ ދިވެހި ކުންފުނިތަކުން ކުރިމަތިލާފައިވާކަމަށް ވެސް ވިދާޅުވި އެވެ.
އެ މަޝްރޫއުގައި ސޮއިކޮށްގެން ކުރިއަށް ގެންދިއުމާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް 1،000 ފްލެޓު އެޅުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި ވަޒީރު ވިދާޅުވި އެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްކޮށްލުމުން ފްލެޓްތަކުގެ އަދަދު 10،700 އަށް އަރަ އެވެ.
ވަޒީރު ވަނީ މިވަގުތަށް ބިން ލިބިފައިވަނީ 10،700 ފްލްޓް އެޅޭ ވަރަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހުޅުމާލޭ 3 އަކީ އެއާޕޯޓަށް ފްލައިޓު ޖައްސަން އަންނަ ރޫޓާ ދިމާވާ ތަނަކަށް ވާތީ އެތަނުގައި އިމާރާތް އުސްކުރެވޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ. މިހާރު އެތަނުގައި އިމާރާތްކުރާ ފްލެޓްތައް އުސްކުރެވެނީ 14 ބުރިއަށެވެ.
މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
"އެހެންނަމަވެސް މިނިސްޓްރީން މަސައްކަތް ކުރަމުން އެބަ އަންނަން އެޗްޑީސީއާ ވާހަކަ ދައްކައިގެން އިތުރު ބިންތަކެއް ލިބޭތޯ. އެއާ އެކު މާލޭ ސަރަހައްދުގައި މާލޭގައި ވެސް ހުރި ބިންތަކުން ވެސް ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައިގެން އެބަ މަސައްކަތްކުރަން،". ވަޒީރު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ދާއިރާއަކަށް ވާއިރު މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭޭނެގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ނެވެ.