ENGLISH

12 މޭ 2026

Advertisement

ސަރުކާރުގެ ޑިޖިޓަލް ބަދަލަކީ އާއްމު ޚިދުމަތްތައް ރަނގަޅުކޮށް، ޖީލުތަކަށް އާ ފުރުސަތުތައް ހޯދައިދިނުން: ވަޒީރު އިޙްސާން

12 މޭ 2026

|

ޢަލީ ޝަހީމް

21 އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ޑިޖިޓަލް ބަދަލަކީ އާއްމު ޚިދުމަތްތައް ރަނގަޅުކޮށް، ޖީލުތަކަށް އާ ފުރުސަތުތައް ހޯދައިދިނުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ވިލާ ނޯޓިކާގައި މިއަދު ފެށި 21 ވަނަ  'އޭޝިއާ މީޑިއާ ސަމިޓް 2026' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ވަޒީރު ވިދާޅުވީ، އޭޝިއާ މީޑިއާ ސަމިޓަކީ، ސަރަހައްދީ ދެނެގަތުމާއި، އެއްބާރުލުމާއި، އަދި އެންމެން ގުޅިގެން ކުރިއެރުން ހޯދުމަށް އޮތް މަސައްކަތްތެރި މާހައުލެއް ކަމަށެވެ. ޑިޖިޓަލް ގުޅުންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ވަގުތުން ވަގުތަށް ކުރެވޭ މުއާމަލާތްތަކުގެ މި ދުނިޔޭގައި، އެއްވެސް ގައުމަކަށް އެކަނި ކުރިއަކަށް ނުދެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީޑިއާ އާއި ޓެކްނޮލޮޖީގެ މުސްތަގުބަލު ބިނާކުރަންވާނީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮންނަ ބައިވެރިވުމާއި، އުނގެނުމާއި އަދި އިތުބާރުގެ މައްޗަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މި އަހަރުގެ ސަމިޓުގެ ޝިއާރު "މޯލްޑިވްސް 2.0 - ސަގާފަތުން ޓެކްނޮލޮޖީއަށް" އަކީ ހަމައެކަނި ގައުމީ އުންމީދެއް ނޫންކަމަށާއި، މިއީ ގައުމުތަކުގެ އަމިއްލަވަންތަކަމާއި، އަގުތަކާއި، އަދި ތާރީޚީ ތަރުކާ ހިފަހައްޓަމުން ޑިޖިޓަލް ބަދަލުތައް ގެނެވޭނެ ގޮތުގެ ފުޅާ ތަސައްވުރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ ދަށުން، މި ސަރުކާރުން ވަނީ 'މޯލްޑިވްސް 2.0' ގެ ނަމުގައި ގައުމީ ޑިޖިޓަލް ކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. މިއީ ވެރިކަން ހިންގުން ޒަމާނީކުރުމާއި، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާއި، ޓެކްނޮލޮޖީގެ އޮނިގަނޑު ވަރުގަދަކުރުމާއި، އަދި ބުއްދިވެރި، ވިލުންތެރި ގައުމެއް ބިނާކުރުމަށް އަމާޒު ހިފައިގެން ސަރުކާރުން ފެށި ބޮޑު މަޝްރޫޢެކެވެ. 

"އަޅުގަނޑުމެން ޑިޖިޓަލް މުސްތަގުބަލަކަށް ދަތުރުކުރާއިރު، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ބިނާވެފައިވާ އެ އަގުތަކާއި ސަގާފަތް ހިފެހެއްޓުމަށް އަޅުގަނޑުމެން ސާބިތުވެ ތިބޭނަން. އެހެންކަމުން އަޅުގަނޑުމެންގެ ޑިޖިޓަލް ބަދަލަކީ ސަގާފަތް ދޫކޮށްލުމެއް ނޫން. އެއީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވެރިކަން ހިންގުން ވަރުގަދަކޮށް، އާންމު ހިދުމަތްތައް ރަނގަޅުކޮށް، މުޖުތަމައުތައް ބާރުވެރިކުރުވައި، އަދި ގައުމީ އައިޑެންޓިޓީ ރައްކާތެރިކުރަމުން އަންނަން އޮތް ޖީލުތަކަށް އާ ފުރުސަތުތައް ހޯދައިދިނުން." ވަޒީރު އިޙްސާން ވިދާޅުވިއެވެ. 

'މޯލްޑިވްސް 2.0' އިސްނެގުމުގެ ދަށުން، ދައުލަތުގެ މުއައްސަސާތައް ޒަމާނީކުރުމާއި ސްމާޓް ޕަބްލިކް ސަރވިސްތައް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ރަށްތަކާއި މުޖުތަމައުތަކުގެ މެދުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި ޑިޖިޓަލް ކަނެކްޓިވިޓީ އާއި ޓެކްނޮލޮޖީގެ އޮނިގަނޑަށް އިންވެސްޓްކުރުން ކުރިއަށްގެންދަވާނެކަމަށް ވެސް ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވިއެވެ. 

މިމަހުގެ 11 އިން 14 އަށް ކުރިއަށްދާ މި ސަމިޓުގައި 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، މީގެ ތެރެއިން 80 އިންސައްތައަކީ ބޭރު ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ. ސަމިޓުގެ ތެރެއިން ކުރިއަށްދާނެ މުހިންމު ކަންކަމުގެ ތެރޭގައި 8 ޕްލިނަރީ ސެޝަން ހިމެނެއެވެ. މީގެ ތެރޭގައި ޕަބްލިކް މީޑިއާގެ ސިޔާސަތުތަކާ ގުޅޭ ހައި-ލެވެލް މިނިސްޓީރިއަލް ސެޝަނެއް ވެސް ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު