ENGLISH
12 މޭ 2026
ޑިޖިޓަލް ޒަމާނާއެކު، އަޚްލާގީ މިންގަނޑުގެ ތެރެއިން ކުރާ ނޫސްވެރިކަން ވަރުގަދަވާންޖެހޭ: ވަޒީރު އިޙްސާން
12 މޭ 2026
|
މިއަދު ފެށި 21 ވަނަ މީޑިއާ ސަމިޓުގެ ބައިވެރިން. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ޒިންމާދާރު ނޫސްވެރިކަން މިއަދަށްވުރެ މުހިއްމު ޒަމާނެއް ނާންނަކަމަށާއި، ޑިޖިޓަލް ޒަމާނާއެކު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އަޚްލާގީ މިންގަނޑުގެ ތެރެއިން ކުރާ ނޫސްވެރިކަން ވަރުގަދަވާންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ވިލާ ނޯޓިކާގައި މިއަދު ފެށި 21 ވަނަ 'އޭޝިއާ މީޑިއާ ސަމިޓް 2026' ހުޅުވުމުގެ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ އަޚްލާގު ހިފެހެއްޓުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ޑިޖިޓަލް ބަދަލުތައް ގެންނައިރު، މީޑިއާގެ ދައުރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މުހިއްމުވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީޑިއާއަކީ ހަމައެކަނި ބަދަލުތައް ރިޕޯޓްކުރާ ފަރާތެއް ނޫން ކަމަށާއި، މީޑިއާއަކީ ބަދަލުތައް ގެނުވައިދޭ ބާރުކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދުގެ ޑިޖިޓަލް މާހައުލުގައި، މީޑިއާ މަސައްކަތްކުރަނީ ޓެކްނޮލޮޖީއާއި މުޖުތަމައު ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި. އެއީ އާންމުން ހޭލުންތެރިކޮށް، ޒިންމާދާރުކުރުވައި، ބައިވެރިވުން އިތުރުކޮށް، އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ތެރޭގައި މުޖުތަމައުތަކަށް މަގުދައްކައިދޭ ބާރު." ވަޒީރު ވިދާޅުވިއެވެ.
ޑިޖިޓަލް ޒަމާނުގައި ނޫސްވެރިކަމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ވަޒީރުގެ ވާހަކަ އަމާޒުކުރެއްވިއެވެ. މިގޮތުން ވަޒީރު ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުުމާއި، އޮޅުވާލުމާއި، އޮންލައިންކޮށް މީހުންގެ ވިސްނުން ކޮންޓްރޯލްކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"މީގެ ހައްލަކީ ޓެކްނޮލޮޖީ ދެކެ ބިރުގަތުމެއް ނޫން، ނުވަތަ އީޖާދުތަކާ ދެކޮޅު ހެދުމެއްވެސް ނޫން. މީގެ ހައްލަކީ އަޚްލާގީ މިންގަނޑުތަކުގެ ތެރެއިން ކުރާ ނޫސްވެރިކަން ވަރުގަދަކުރުމާ، ޑިޖިޓަލް ލިޓްރަސީ ނުވަތަ ހޭލުންތެރިކަން އިތުރުކުރުމާ، ޒިންމާދާރުކަމާއެކު މުއާމަލާތްކުރުމަށް ހިތްވަރުދިނުމާ، އަދި އިތުބާރު ހުރި މައުލޫމާތު ލިބޭނެ މަގު ކަށަވަރުކުރުން." ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، ސައިބަރ ސެކިއުރިޓީއާއި، އަދި ޑިޖިޓަލް ޒިންމާތަކާ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގައި މީޑިއާ މުއައްސަސާތަކުން މިއަދު އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރެއްވިއެވެ. ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި، މުއައްސަސާތަކާއި، އަދި އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތް ބަދަލުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިލްތިމާސްކުރެއްވީ އަޚްލާގީ މިންގަނޑުތައް ހިފަހައްޓާ، އެންމެންގެ ބައިވެރިވުން އޮންނަ، އީޖާދީ، އަދި މުސްތަގުބަލަށް އަމާޒު ހިފާފައިވާ މީޑިއާ ނިޒާމުތަކަކަށް ހިތްވަރުދޭ ބަޔަކަށް ނޫސްވެރިން ވުމަށެވެ.
މައުލޫމާތުގެ ސައްހަކަމާއި، އިންސާފުވެރިކަމާއި، އަދި އާންމުންގެ އިތުބާރު ހިފަހައްޓަމުން ޑިޖިޓަލް ޒަމާނުގެ ހަގީގަތްތަކަށް އަހުލުވެރިވުމަށް ނޫސްވެރިންނަށާއި މީޑިއާގެ މާހިރުންނަށް އެހީތެރިވާންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެންމެ މުހިންމު ކަމަކީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކަކީ ބައިބައިވުން އުފެއްދުމުގެ ބަދަލުގައި އިޖުތިމާއީ ބަދަހިކަން ވަރުގަދަކޮށްދޭ ކަމެއްކަން ކަށަވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.