ENGLISH

12 މޭ 2026

Advertisement

މައްކާ ރޫޓް އިނިޝިއޭޓިވްގެ އިންތިޒާމުތައް ހަަމަޖެއްސެވުމަށް ސައުދީން 18 ބޭފުޅުންގެ ވަފުދެއް

12 މޭ 2026

|

ޝިފްޒާން އަޙްމަދު

މައްކާ ރޫޓް އިނިޝިއޭޓިވްގެ އިންތިޒާމުތައް ހަމަަޖެއްސުމަށް ވަޑައިގެންނެވި ސައުދީ ވަފުދަށް މަރުހަބާ ދެންނެވުމުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާޚުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ހައްޖުވެރިންނަަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސައުދީގެ މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމުތަކާއި ތަރުތީބުތައް ފުރިހަމަކުރެއްވުމަށް 18 ބޭފުޅުންގެ ވަފުދެއް ސައުދީން ރާއްޖެއަށް ވަޑައިގެންފިއެވެ. 

އިއްޔެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހޫނު މަރުހަބާއެއް ދެންނެވިއެވެ. އެ ބޭފުޅުން ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފަުންނެވެ. 

މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ. 

ސައުދީ ސަރުކާރުން މި އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި އެ އިނިޝިއޭޓިވްގެ ދަށުން ހާއްސަ ހިދުމަތްތަކެއް ދޭން ފެށިއިރު އެ ހިދުމަތްތައް އިފުތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. 

އެކަމަށް ބޭއްވި ރަސްމިއްޔާތުގައި  މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އަދި ސއުދީ އަރަބިއްޔާގެ މަތީ ފަންތީގެ ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަތެވެ. 

ސައުދީ އަރަބިއްޔާގެ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއިން ފުރުމުގެ ކުރިންނާއި، ސައުދީއަށް ވާސިލުވުމަށްފަހު ވިސާ ޕްރޮސެސްކުރުމާއި ހޮޓަލާ ހަމައަށް ދާގީނާ ގެންދިއުމުގައި ވަރަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވެއެވެ. 

މިއީ ސައުދީ ސަރުކާރާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރެވުނު ދިގު މަޝްވަރާއަށްފަހު ދިވެހި ހައްޖުވެރިންނަށް ފަހިކުރެވުނު ފުރުސަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު