ENGLISH

11 މޭ 2026

Advertisement

ރައްޔިތުންގެ ބައްދަލުވުންތައް ޖޫންގައި އަލުން ފައްޓަވާނެ؛ ރަށްރަށަށް ވަޑައިގަތުމުގެ ދެވަނަ ބުރު ކުރިއަށްގެންދަވާނެ

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލޭ ސިޓީގައި ކުރިއަށްގެންދެވި ބައްދަލުވުންތަކުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އަންނަަ ޖޫން މަހުން ފެށިގެން އަލުން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާތައް އަލުން ފައްޓަވައި، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ ދެވަނަ ބުރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސިލްސިލާ ގޮތެއްގައި ހަފުތާއަކު އެއްދުވަހު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިހަފުތާގެ ބައްދަލަުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތައް އަންނަ ޖޫން މަހުން ފެށިގެން އަލުން ކުރިއަށްގެންދަވާނެކަން އިއުލާނުކުރައްވާފައިވެއެވެ. 

އެގޮތުން މާލޭގައި އަވަށްތަކުގެ ބައްދަލުވުން ކުރިއަށްގެންދަވަން ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. އޭގެ އިތުރަށް ރައްޔިތުންގެ ތެރެއިން އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުންނާއެކު ވަކިވަކިން ބައްދަލުވުންތައް ކުރިއަށްގެންދަވަން ގަސަތުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަ ކަހަލަ ކަމެއް ދިމާނުވާ ހިނދެއްގައި ހަފުތާއަކު އެއް ދުވަހު، ނޫނިއްޔާ ވީހާވެސް އަވަސްކޮށް ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް ދާއިރާ، ނުވަތަ މަސްވެރިކަމުގެ ދާއިރާ ނުވަތަަ ވަކިވަކި ޕްރޮފެޝަންތަަކާއެކު ބައްދަލުކުރުންވެސް ބާއްވާނަަން،" ރައީސް ވިދާޅުވިއެވެ. 

ދައުރުގެ ތެރޭގައި ދެ ފަހަރެއެްގެ މަތިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އެ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް އެއްބުރު ވަޑައިގެންފައިވާނެކަމަށާއި، ބައެއް ރަށްރަށަށް ދެ ފަހަރު ވަޑައިގެންފައިވާނެކަމަށް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެވަނަ ބުރުގެ ދަތުރުތައް ކުރިއަށްގެންދަވާނެ ކަމށެވެ. 

"ބޭނުންވަނީ ރައްޔިތުންނާ ގާތުން އަބަދުވެސް އަޅުގަނޑު މަސައްކަތްކުރާ ގޮތަށް އެކަން ކުރިއަށްގެންދަން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމެއް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދިއުމުގައި. އަދި ސީދާ އަޅުގަނޑާ ހަމައަށް ނައިސް ހުންނަ އެކި ކަންކަން ހުރޭ، އެކަންކަން ހައްލުކުރުމުގައި އެއީ ލިބޭ ވަރަށް ބޮޑު ބާރެއް،" ރައީސް ވިދާޅުވިއެވެ. 

މި ދަތުރުފުޅުތަކުގައި ބައެއް ރަށްރަށަށް ދެ ބުރަށް އަދި އެއަށްވުރެ ގިނައިންވެސް ވަޑައިގެންނެވިދާނެ ކަމަށާއި، ނަމަވެސް ބޭނުންފުޅަކީ ރައްޔިތުންގެ އަރިހަށް ވަޑައިގެން އެ ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު