ENGLISH

11 މޭ 2026

Advertisement

ތަކުރާރުކޮށް ގާނޫނާ ހިލާފުވުން؛ އެއް ލައްކަ ރުފިޔާއިން ޕީއެންއެފް ޖޫރިމަނާކޮށްފި

11 މޭ 2026

|

އައިމިނަތު ޝަފާ

ޕީއެންއެފްގެ އިސް ބޭފުޅުން

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)، އެއް ލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ. 

ޕީއެންއެފްގެ ރައީސް، ރައީސް ޔާމީނަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ކޮމިޝަނުން ބުނެފައިވަނީ އެ ޕާޓީން ދަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ބޭރުން ތަކުރާރުކޮށް އެކިއެކި ހަރަކާތްތައް ހިންގަމުން ކަމަށެވެ. މިގޮތުން އެހެން ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން އާންމު ބައްދަލުވުން ބާއްވާ ތަނާއި ވަގުތާއި ބައްދަލުވުމުގެ ބާވަތް އެބައްދަލުވުމެއް ބޭއްވުމުގެ 24 ގަޑިއިރުކުރިން އިލެކްޝަންސް ކޮމިޝަނަށް އަންގަންވާނެ ކަމަށް ބަޔާންވެފައިވީނަމަވެސް އެގޮތަށް އެކަން ކުރަމުން ގޮސްފައި ނުވާކަމަށް ބުނެފައިވެއެވެ. 

ސިޔާސީ ޕާޓީގެ ޤާނޫނުގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންދާ ހަރަކާތަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރަން ބަޔާންކޮށްފައިވާއިރު ޕީއެންއެފުން ތަކުރާރުކޮށް އެ މާއްދާއާ ހިލާފުވެފައިވާކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. \

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އެ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އަމަލުތައް ތަކުރާރުވާނަމަ އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

މިއީ ގާނޫނާ ހިލާފުވާ ޕާޓީތަކާމެދު އެޅޭނެ އެންމެ ބޮޑު އެއް މާލީ ފިޔަވަޅުކަން ފާހަގަކޮށްލަންޖެހެ އެވެ. 

ކިޔުންތެރިންގެ ހިޔާލު