ENGLISH

11 މޭ 2026

Advertisement

ކާރިސާގެ ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެވޭނެ ގޮތްތައް ބަލަނީ

11 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސްގެ ޖަމިއްޔާ މަޓާޓޯ އަދި ހޮޓަލާއި ގެސްޓްހައުސްތަކުގެ ޖަމިއްޔާއިން  ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ނެވެ. 

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވާ ގޮންޖެހުންތައް ބަލަމުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. 

"އަދި ކުރިއަށް އޮތްތާ މިކަމާ ގުޅުންހުރި ކަންކަން ފައިނަލް ކޮށްފައި އަޅުގަނޑުމެންނަށް އެނގޭނީ ކޮބާތޯ ކުރެވޭނެ ކަންކަމަކީ. މިހާރު ހަމަ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ މި މައްސަލައިގައި ދިރާސާތައް ކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުން،". ރައީސް ވިދާޅުވި އެވެ. 

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 843,969 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް 892,020 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ވުމާއެކު މިއީ 5.4 އިންސައްތައިގެ ދަށް ވުމެކެވެ. 

ނަމަވެސް ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީ އަށް ބިލިއަން ރުފިޔާއަށްވުރެ މަތިވެ، އަހަރުން އަހަރަށް 13.8 އިންސައްތަ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ވަނީ ދައްކާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު