ENGLISH
11 މޭ 2026
ރައީސް އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު އަރުވާނަން: ރައީސް
11 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާ ހުރިހާ އާރުޓީއައިއަށް ޖަވާބު ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ އެ އޮފީހަށް ހުށެހެޅިފައިވާ އާރުޓީއައިގެ ތެރޭގައި، ހުށަހެޅި ފަރާތްތަކަށް ޖަވާބު ނޭރުވޭ އާރުޓީއައިތައް އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ހާއްސަ އިސްކަމެއްދީގެން ރައީސް އޮފީހަށް ހުށަހެޅިފައިވާ އާރުޓީއައި ތަކަށް ޖަވާބުދިނުމަށް އަންގާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާނަމަ ވަކި ވަކިން ކޮންމެ ކޭހެއްވެސް ބަލާފައި އަޅުގަނޑު ސީދާ ބަލަންޖެހޭ ކަންކަން ބަލާފައި ގާނޫނު އަސާސީގެ ތެރެއިން އަޅުގަނޑުގެ ޒިންމާގެ ތެރެއިން ބަލަންޖެހޭ ކަންކަން ބަލާފައި މައުލޫމާތު ދޭނަން. އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ގައުމުގެ ސަލާމަތަށް ނުރައްކާ ވާކަށް. އެ ނޫން ހުރިހާ އާރްޓީއައިތައް ވަރަށް އަވަހަށް ނިންމާދޭނަން،". ރައީސް ވިދާޅުވި އެވެެ.
ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކަށް ހުށަހެޅިފައިވާ އާރުޓީއައިތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމަށް ވެސް މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް އެންމެ ފަހުން ވިދާޅުވެފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވިި 233 އާރުޓީއައި ފޯމަށް ޖަވާބުދީ، މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުންފެށީގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު 170 އާރުޓީއައިއަށް ޖަވާބުދެއްވާފައިވާ ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
"ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް މިދެންނެވި މުއްދަތުގައި ލިބި، 233 އަށް ޖަވާބު ދެވިފަ ޕެންޑްވެފައިވަނީ މިއިނީ 55،". ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ގައުމީ ސަލާމަތާގުޅޭ މައުލޫމާތު ހޯދަން އާރުޓީއައި ހުށަހެޅި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެކަމަށެވެ.