ENGLISH

11 މޭ 2026

Advertisement

ރައީސް ދެއްކެވީ ގާނޫނުގެ ހުކޫމަތު ހިނގާނެކަން؛ ވިދާޅުވީ ކޯޓު އަމުރުތަކަށް ތަބާވުން ލާޒިމުކަމަށް

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އޮންލައިން ނޫސް "އަދަދު"އިން ނެރުނު ވީޑިޔޯއަކާ ގުޅިގެން ކުރިއަށްދާ ޖިނާއީ ތަހުގީގާއި އެ މައްސަލާގައި އެ ނޫހުގެ ދެ ވެރިއެއްގެ މައްޗަށް އުފުލުނު ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ދިވެހި ހުރިހާ ރައްޔިތުން ތަބާވުން ލާޒިމުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އެ މައްސަލާގައި ހިމެނޭ ވީޑިޔޯ ފެތުރުމާއި އޭގައި ހުރި ވާހަކަތައް އާއްމުކޮށް ދައްކައިހެދުން ޖުމްލަ ގޮތެއްގައި މަނާކޮށްފައިވަނިކޮށް މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކުވަނީ އެ ތުހުމަތުތައް އަލުން ތަކުރާރުކޮށް ރައީސާ ސުވާލުކޮށްފައެވެ. 

އެ ނޫހުން ކުރަމުންދާ ހުރިހާ ތުހުމަތުތަކަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުންދާ ދޮގު ތުހުމަތުތަކެއްކަން ތަކުރާރުކުރެއްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި ކޯޓު އަމުރަކާ ހިލާފުވުމަށް ފުރުސަތު ނުދެއްވާނެކަން އިއުލާނުކުރައްވަައި އަދަދުގެ ނޫސްވެރިޔާ އަރިހުން މާލަން ދޫކޮށް ދިއުމަށް ރައީސް އެދިވަަޑައިގަތެވެ. 

އެހެން ނޫސްވެރިޔަކު އެ ކޯޓު އަމުރާ ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވެފައިވަނީ ކޯޓުން ނެރެފައިވާ ގެގް އޯޑަަރަށް ތަބާވުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށާއި، އެ މަސައްކަތަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމުގެ ތެރެއިން ޝަރުއީ ދާއިރާއިން ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. 

އެ އަމުރާ ގުޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާކަމަށް ބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަށްވެސް ރައީސްވަނީ ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ މި ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަަން ވަރަށް ފުޅާކޮށް ތަންމިނަށް އެބައޮތް ކަމަށެވެ. އަދި އެހެން އެއްވެސް ގައުމެއްގައި އެމިނިވަންކަން ނެތް ދަރަޖައަށް ރާއްޖޭގައި އެ މިނިވަންކަން އެބައޮތްކަން ފާހަގަކުރެއްވިއެވެ. 

"އަަޅުގަނޑަކަށް ހިއެއްނުވޭ މިގައުމަށްވުރެ ފުޅާކޮށް އެ މިނިވަންކަން އޮތް ގައުމެއް އޮންނާނެހެނެއްވެސް. އެހެންނަމަވެސް މި ގައުމުގެ ހަގީގަތަކީ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. މި ގައުމުގެ ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ މި ސަރުކާރުން ރޫލް އޮފް ލޯ ހިފަހައްޓާނެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރަންޖެހޭނީ،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އިސްލާމްްދީނާ ހިލާފު ކަންކަމާއި ގާނޫނުއަސާސީން ހުއްދަނުކުރާ ކަންކަން ކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ފާހަކީ ދިވެހި ރައްޔިތުންގެ އަބުރަށް އަރައިގަތުމަށް އޮތް ލައިސެންސެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީހުންގެ އަބުރަށް އަރައިގަތުމުގެ ހުއްދައަކީ މުސްލިމަކަށްވީތީ އެއްވެސް މީހަކަށް ލިބިފައި އޮތް ލައިސެންސެއް ނުވަތަ ހުއްދައެއް ނޫން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ނޫސްވެރިންނަށް އަދި އާއްމުންނަށްވެސް ހިފަހެއްޓުމެއް ނެތި އެކި މައްސަލަތަކުގައި ސަރުކާރާމެދު ހިޔާލުފާޅުކޮށް ފާޑުކިޔުމުގެ ފުރުސަތު އޮވެއެވެ. އެއިން ކަމެއްގައި މިހާތަނަށް އެއްވެސް ނޫސްވެރިޔަކު އަދި އާއްމު ރައްޔިތަކާމެދުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު