ENGLISH
11 މޭ 2026
ރައީސް ދެއްވީ އުފާވެރި ހަބަރެއް؛ ޕޭ ހަމަނައިޒްކުރިއިރު ދިމާވި މައްސަލަތައް ހައްލުކުރެވި ހެޔޮ އަސަރު އަންނަ މަހު ފެންނާނެ
11 މޭ 2026
|
ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއެރުން ނުލިބުނު މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބޭނެ
އެންމެ މަޤްބޫލު
ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އުޖޫރަ އެއްހަމަކުރުމަށް ކުރިއަށްގެންދާ ޕޭ ހަމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިވިލް ސާވިސް އަދި ޝަރުއީ ދާއިރާގެ މުވައްޒަަފުންގެ މުސާރައަށް ގެނައި ބަދަލުތަކުގައި ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދެން މުސާރަ ޖަމާކުރާއިރު އެކަމުގެ ހެޔޮ އަސަރު ފެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހަފުތާއަކު އެއްފަހަރު ސިލްސިލާ ގޮތެއްގަައި ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައެްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ޕޭ ހާމަނައިޒްކުރިއިރު، ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެފައިނުވާކަމަށާއި، އަނެއްބައި މުވައްޒަަފުންގެ މުސާރަ ކުރިއަށްވުރެ ކުޑަވެފައި ހުރިކަންވެސް ފާހަގަކުރެއްވިފައިވާ ކަމަށެވެ.
"އަަޅުގަނޑު ނިންމީކީ އެހެނެއްނޫން ދެއްތޯ؟ އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވީ ވައުދަކީ މުސާރަ ބޮޑުކޮށްދޭނަމޭ. ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒްކުރިއިރުގައި މުސާރަ ބޮޑުނުވެ، އެހެންނަަމަވެސް ކުޑަވި ބައެއް ފަރާތްތައްވެސް ތިބިކަން އެނގިފައިވަނީ. އަޅުގަނޑު މިއަދު ހެނދުނު މިއައީ މިކަމާ ގުޅޭ މައުލޫމާތު ނަގައިގެން ޕޭ ކޮމިޝަނުގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރުގައި ޖުމްލަކޮށް، ވަކިވަކި އިންޑިވިޖުއަލް ކޭސް ނުހުންނާނެ ވާހަކައެއް ނޫން، ޖުމްލަކޮށް މިހެން މުސާރަ މައްޗަށް ނުގޮސްތިބި ސްޓާފުންގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި މައްސަލަ ބޮޑަށް ކުރިމަތިވީ އޮފީސްތަކުގައި ހިއުމަން ރިސޯސް ޑިޕާޓުމެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގާނޫނީ ދާއިރާގެ މުވައްޒަފުންގެ އިތުރަށް ކައުންސިލުތަކުގެ ބައެއް މަގާމުތަކުގައި ތިބި މުވައްޒަފުންނަށެވެ.
މި މައްސަލަތަކީ އެތައް ޒަމާނެއްވަންދެން އެކި ގޮތްގޮތަށް އޮތް ވަޒީފާގެ އޮނިގަނޑުތަކެއް އެއްގޮަތްކޮށް ހާމަނައިޒްކުރުމުގެ ތެރެއިން ދިމާވި މައްސަލަތަކެއްކަަން ފާހަގަކުރައްވައި، ރައީސް ވިދާޅުވެފައިވަނީ މި މައްސަލަތައް ހައްލުވެ، މި މަހުގެ މުސާރަ ދޭއިރު އެފަދަ ހުރިހާ މައްސަލައެއް ހައްލުވެ، ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑުވާނެ ކަމަށެވެ.
އަދި ވަކިވަކި މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކަށް މިފަދަ ހާލަތެއް ކުރިމަތިވެފައިހުރިނަމަ އެ މުވައްޒަފުންނަށްވެސް ކުރިއަށް އޮތް ތަނުގައި ހައްލުތަކެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި ވަރަށް ކުރިއްސުރެ ވަޒީފާއަށް ވަދެފައި ތިބި މުވައްޒަފުންނަށް ވަކިވަކިން އެ މުވައްޒަފުންނަށް ބަލައިގެން ހައްލުތަކެއް ޕޭ ކޮމިޝަނުން ހޯދައިދޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.