ENGLISH

11 މޭ 2026

Advertisement

ސާޅީސް ދުވަސް ތެރޭ 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފި؛ ރައީސް ދެއްވީ ދަރަަނި ދަންތުރައިން ސަލާމަތްކުރައްވާނެ ކަމުގެ ޔަގީންކަން

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި މާލީ މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް

ފާއިތުވެދިޔަ 40 ދުވަހުގެ ތެރޭގައި މި ސަރުކާރުން 970 މިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން ހާމަކުރެއްވުމާއެކު، ދިވެހި ރައްޔިތުން ދަރަނި ދަންތުރައިން ސަލާމަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. 

ހަފުތާއަކު އެއްފަހަރު ސިލްސިލާ ގޮތެއްގަައި ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައެްދަލުވުން ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ މިއަދު ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަންޏެއް ސަރުކާރުން އަދާކުރި ކަމަށެވެ. މިއީ 2019 ވަނަ އަހަރު އެކި ފަހަރު މަތިން އިންޑިޔާއިން ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން މިއަދު ދައްކަންޖެހޭ 50 މިލިއަން ޑޮލަރެވެ. 

"އެގާރަ މޭގައި ޕޭކުރާ ގޮތަށް މިދިޔަ ސަރުކާރުން ނަގާފައި އޮތް 50 މިލިއަން ޑޮލަރުވެސް އަަޅުގަނޑުމެން މިއަދު ހެނދުނު ސެޓްލްކޮށްފިން. އެހެންވީމާ ޖުމްލަ ވޭތުވެދިޔަ 40 ދުވަސް ތެރޭގައި 970 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނި އަޅުގަނޑުމެން ދައްކައި ހަލާސްކޮށްފިން،" ރައީސް ވިދާޅުވިއެވެ. 

މިއަދު ދެއްކި 50 މިލިއަން ޑޮލަރަކީ 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ކުރީ ސަރުކާރުން އިންޑިޔާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރެވެ. އެއިރުގެ ސަރުކާރުންވަނީ 17 މާޗު 2019 ގައި، އަދި 26 ޖޫން 2019 ގައި އަދި 1 އޮކްޓޯބަރު 2019 ގައި ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން ދަރަންޏަށް ނެގިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަަށް އެއިރުގެ ސަރުކާރުން އެ ފައިސާ ދެއްކުން ފަސްކުރަމުންދިޔައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން 2024 ވަނަ އަހަރުގައި އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަދާކުރުމަށްފަހު ބާކީ 100 މިލިއަން ޑޮލަރު ރޯލްއޯވާކުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު އެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު 17 ސެޕްޓެންބަރު 2026 ވަނަ ދުވަހުގައި އަދާކޮށް ނިންމަވާނެ ކަމަށެވެ. 

"މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނީގެ ތެރެއިން 150 މިލިއަަން ޑޮލަރުގެ ދަންތުރައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް ނިންމަނީ. ހަމައެފަދައިން ސުކޫކުވެސް ޕޭކޮށް ނިންމަނީ،" ރައީސް ވިދާޅުވިއެވެ. 

ކަންކަމުގެ ހަގީގަތް އޮޅުވައިލައްވާތީ ކަންބޮޑުވުން 

ދިވެހި ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައިވާ ބައެއް ބޭފުޅުން ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް، އަދި ރާއްޖޭގެ ތަސައްވުރު ބޭރުގެ ދުނިޔޭގައި ކިލަނބުވާ ގޮތަށް ވާހަކަދައްކަވާތީ ހިތާމަކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ބޭފުޅުން ދައްކަވާ ހަގީގަތެއް ނެތް އަސާސެއް ނެތް ވާހަކަފުޅަކީ ރާއްޖޭގެ އިގުތިސާދު ހަލާކުކުރުމަށް ދައްކާ ވާހަކައެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. 

"އަދި ހައިރާންވާ އަނެއް ރީޒަނަކީ ސަބަބަކީ އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑުމެން މިދަނީ ދައްކަމުން. ދައްކާތީވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއްނުވޭ ކޫލް ކަމެއްހެން. ދެން އެހެންނަމަވެސް އެބަޔަކަށް އެނގޭނީ އެބަޔަކު ވާހަކަދައްކާނެ ގޮތެއް،" ރައީސް ވިދާޅުވިއެވެ. 

މި ސަރުކާރަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލުމެއް ނެތި ރައްޔިތުންނަަށް ހާމަކުރާ ސަރުކާރެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަަޅުވާފައިވާ ދަރަނިން އެ ރައްޔިތުން ސަލާމަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. 

އިތުރަށް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވި ނަމަވެސް ރައްޔިތުންނަށް ބުރަތައް ކުޑަވާނެ ގޮތަށް ތެޔޮ ލިބޭކަން ކަށަވަރުކުރައްވަމުން އަސާސީ މުދާ ލިބޭނެކަން ޔަގީންކުރައްވަމުން، ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން ދެއްވައި، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ބަރާބަރަށް އަދާކުރައްވަމުންގެންދަވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު