ENGLISH
10 މޭ 2026
އޭދަފުށީ ފަތާ ސަރަހައްދު "ވެށި ފަންނު" ރަސްމީކޮށް ހުޅުވައިފި
10 މޭ 2026
|
"ވެށި ފަންނު” ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބ. އޭދަފުށީގެ ދެކުނު ފަރާތުގައި މޫދަށް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ހިމެނޭ ގޮތަށް ތަރައްގީކުރި ”ވެށި ފަންނު“ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފި އެވެ.
ވެށި ފަންނު ރަސްމީކޮށް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އާއި އެމްޓިސީސީގެ ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އެވެ.
"ވެށި ފަންނު” ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
މޫދަށް އެރޭ ސަރަހައްދު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވެފައިވެ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ސަރަހައްދަކީ މޫދަށް އެރުމުގެ އިތުރުން އާއިލާތަކަށް ހަވީރު ފިންޏަށް ހިތްފަސޭހަކޮށްލަން ރަނގަޅު މާހައުލެއް ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ސަރުކާރާއި މެންބަރު ސަލީމްގެ އިތުރުން، ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު ދެއްވި އެހީތެރިކަން ފާހަގަކޮށް ފާތިހު ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި ސަރަހައްދުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިފައިވެ އެވެ.
މި ފަންނު ތަރައްގީކުރުމަށް އޭދަފުށި ކައުންސިލުގެ ބަޖެޓުން ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.
"ވެށި ފަންނު” ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުއެވެ. މި މަސައްކަތް ނިންމާލާފައި މިވަނީ ގާތްގަނޑަކަށް އަހަރު ދުވަހުގެ މަސައްކަތުންނެވެ.
މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ތަރައްގީކުރުމަށްޓަކައި 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށްފަ އެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ އިތުރުން 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.
އޭދަފުށީގައި މޫދަށް އެރޭނެ ހާއްސަ ސަރަހައްދެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ. އެހެންކަމުން ”ވެށި ފަންނު“ ހުޅުވިގެން ދިއުމަކީ ރައްޔިތުން ދެކެމުން އައި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔުން ފަދަ އުފާވެރި ކަމެއްގެ ގޮތުގައި އެރަށު ރައްޔިތުން ސިފަކުރެ އެވެ.