ENGLISH
10 މޭ 2026
މަރުވިތާ 20 އަހަރު ފަހުން އެއީ ކާކު ކަން ދެނެގަނެވިއްޖެ
10 މޭ 2026
|
މަރުވިތާ ވިހި އަހަރުފަހުން ދެނެގަނެވުނެ ރޮބާޓް ލީ ހޯލްޓަން-- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
އެމެރިކާގެ އޮރެގަން ސްޓޭޓްގެ ޕޯޓްލޭންޑްގެ ޖަންގަލީ ތެރެއިން، މީގެ 20 އަހަރު ކުރިން ފެނުނު އިންސާނެއްގެ ކަށިތަކަކީ ކާކުގެ ކަށިތަކެއްކަން، ޒަމާނީ ޑީއެންއޭ ތަހުލީލުތަކުގެ އެހީގައި ދެނެގަނެވިއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
އޮރެގަން ސްޓޭޓް ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކަށިތަކަކީ 2004 ވަނަ އަހަރު ގެއްލުނު ރޮބާޓް ލީ ހޯލްޓަން ނަމަކަށް ކިޔާ މީހެއްގެ ކަށިތައްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ޕޯޓްލޭންޑް ފުލުހުންނާއި މަލްޓްނޯމާ ކައުންޓީގެ މެޑިކޯލީގަލް ޑެތު އިންވެސްޓިގޭޓަރުން ގުޅިގެންނެވެ.
މި ކަށިތައް ފުރަތަމަ ފެނިފައިވަނީ 19 ޑިސެމްބަރު، 2004 ގައި، ސައުތުވެސްޓް ޕޯޓްލޭންޑްގެ ރިވަރވިއު ސަހަރާ ކައިރީގައި ހުރި ގަސް ބޯ ސަރަހައްދަކުންނެވެ. މި ކަށިތައް ފެނިފައިވަނީ އެ ސަރަހައްދުގައި އުޅުނު ދެމީހަކަށެވެ. މިކަށިތަކާ އެކު ގޭތެރޭގައި ހިފާ ގެންގުޅޭ ބައެއް ސާމާނުވެސް ފެނިފައިވެ އެވެ. އެގޮތުން ކައްކަން ބޭނުންކުރާ ތަވާ، ކާބޯތަކެތި، އަންނައުނު އަދި ފޭރާމުން ހަދާފައިވާ ވަގުތީ ހިޔަލެއް ވެސް ފެނިފައިވެ އެވެ. ނަމަވެސް އެ ދުވަސްވަރު ހެދި އޮޓޯޕްސީން އެމީހާ މަރުވި ސަބަބެއް ދެނެގަނެވިފައި ނުވާކަމަށް އޮރެގަން ސްޓޭޓް ޕޮލިހުން ބުނެފައިވެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު، މެޑިކަލް އެގްޒަމިނާގެ އޮފީހަށް ޑީއެންއޭގެ އާ ޓެކްނޮލޮޖީ ބޭނުންކުރުމަށް ލިބުނު ފުރުސަތާއެކު މި މައްސަލައަށް އަލިމަގެއް ލިބިގެން ދިޔަ އެވެ. 'ޕަރަބޮން ނެނޯލެބްސް' މެދުވެރިކޮށް ކުރި ތަހުލީލުތަކުން 2022 ވަނަ އަހަރު ހޯލްޓަންގެ ދުރުތާ ތިމާގެ މީހުންނާ މި ކަށިތަކާ ގުޅުމެއް ހުރިކަން ދެނެގަނެވުނެވެ. އަދި 2025 ވަނަ އަހަރު މި މައްސަލަ އަލުން ބަލަން ފަށައި، ހޯލްޓަންގެ މަންމަގެ ޑީއެންއޭ ސާމްޕަލްއާ އަޅާކިޔުމުން، އެއީ ހޯލްޓަންކަން މި އަހަރުގެ އޭޕްރީލް މަހު ވަނީ ޔަގީން ކުރެވިފަ އެވެ.
ހޯލްޓަން ގެއްލުނު އިރު އޭނާގެ އުމުރަކީ 47 އަހަރެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ހަވާއީން ޕޯޓްލޭންޑަށް ބަދަލުވީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް އާއިލާއަށް ލިބިފައެއް ނުވެ އެވެ. ފުލުހުން މި މައުލޫމާތު އާއިލާއާ ހިއްސާކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯލްޓަންގެ މަންމަ ވަނީ ނިޔާވެފަ އެވެ.
ޕޯޓްލޭންޑްގެ ޕޮލިސް ޗީފް ބޮބް ޑޭ ވިދާޅުވީ، ކިތަންމެ ގިނަ ދުވަހެއްވީ ނަމަވެސް، މި ހޯދުމުގެ ސަބަބުން ހޯލްޓަންގެ އާއިލާއަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިފަދަ ހައްލެއް ނުލިބި ހުންނަ ކުރީގެ މައްސަލަތައް ހައްލުކުރުމަށް، ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މި މައްސަލައިން ހާމަވެގެންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.