ENGLISH

10 މޭ 2026

Advertisement

އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާ ކުރި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަނީ

10 މޭ 2026

|

އައިމިނަތު ޝަފާ

އެމްއެމްޕީއާރްސީގެ އިދާރާ

އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާ ކުރި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. 

މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަހަރުގެ ފެބްރުވަރީމަހުގެ 10 ވަނަ ދުވަހު އެވެ. 

އޭސީސީން ބުނީ 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާކަމަށެވެ. 

އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ހޯދާފަ އެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަމަށާއި އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އަދި މީގެއިތުރުން ތ.އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ހޯދާފައިވެއެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.  ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަޙުޤީޤަށް ފާހަގަވެފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. 

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަޢުވާ އެވެ. އަދި ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ 150,000.00 (އެއް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައި ވެއެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ތ.އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް އޭސީސީން ނިންމާފައިވެއެވެ.

އޭސީސީން ބުނީ މި މައްސަލައިގެ އިތުރުންވެސް އެމް.އެމް.ޕީ.އާރު.ސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގެ ދަޢުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހާއެކު މަޝްވަރާ ކުރަމުންގެންދާކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު