ENGLISH

10 މޭ 2026

Advertisement

އޮޑި ސްޕޯޓްސް އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުކަން އެ ޓީމުގެ ކޯޗު ގާސިއާއަށް

10 މޭ 2026

|

އިސްމާއިލް ޝާހު

އޮޑި ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ --- ފޮޓޯ: އޮޑި ސްޕޯޓްސް

އޮޑި ސްޕޯޓްސް އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް، އޮޑި ސްޕޯޓްސް ކުލަބަށް އިރުޝާދުދެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ ހަމަޖައްސައިފިއެވެ.

އޮޑި ސްޕޯޓްސް އެކެޑަމީ މީގެ ކުރިން ހިންގަމުން އައީ ކޯޗު ފަރީދު މުޙައްމަދުގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އޮޑި ސްޕޯޓްސް އެކެޑަމީ އާއެކު ކޯޗު ފަރީދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމާއެކު، އެ އެކެޑަމީން ވަނީ ހިންގުން ހަރަދަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޮޑި ސްޕޯޓްސް އެކެޑަމީން ބުނެފައިވަނީ އޮޑި ސްޕޯޓްސްގެ ސީނިއަރ ޓީމުގެ ބައެއް ކުޅުންތެރިން، އެކެޑަމީއާ ގުޅިގެން ރާއްޖޭގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ތަރައްގީކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކެޑަމީގެ ތަސައްވުރާއި ތަރައްގީގެ ލަނޑުދަނޑިތައް ހުރިހާ ފެންވަރެއްގައި އެއްގޮތަކަށް ދެމެހެއްޓުމަށްޓަކައި، އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ސީނިއަރ ޓީމުގެ ހެޑް ކޯޗު ހީވާގި ދައުރެއް އަދާކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޮޑި ސްޕޯޓްސް ކުލަބުން ވަނީ އަލަތު ސީޒަނުގެ ގާސިއާގެ އިރުޝާދުގެ ދަށުން ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސްއިން ހޯދިއިރު، އެ ޓީމުން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ.

އޮޑި ސްޕޯޓްސް އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ގާސިއާ ހަމަޖެއްސިއިރު، އޮޑި ސްޕޯޓްސް ކުލަބާއެކު ގާސިއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވާނެއެވެ. މައުލޫމާތި ލިބޭ ގޮތުގައި އޮޑި ސްޕޯޓްސްއިން އަންނަނީ ގާސިއާގެ އެއްބަސްވުން އައުކުރުމަށް މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު