ENGLISH
10 މޭ 2026
ރާއްޖޭގެ ސަރަހައްދީ އިމުގެ ބޭރުން ގަވާއިދާ ހިލާފަށް ކުރާ ކަންކަމުގެ ނުރައްކާ ވެސް ރާއްޖެއަށް ކުރިމަތިވޭ: ހިލްމީ
10 މޭ 2026
|
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ
އެންމެ މަޤްބޫލު
ރާއްޖޭގެ ސަރަހައްދީ އިމުގެ ބޭރުން ގަވާއިދާ ހިލާފަށް ކުރާ ކަންކަމުގެ ނުރައްކާ ވެސް ރާއްޖެއަށް ކުރިމަތިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހިލްމީ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހި ރާއްޖެ ގާއިމުވެފައި އޮތީ ވަރަށް މުހިންމު ސަރަހައްދެއްގައި ކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން ހިލްމީ ވިދާޅުވީ ރާއްޖެ ކައިރިންނާއި ރާއްޖޭގެ އެތެރެއިން އިންޑިއާ ކަނޑުގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް އަހަރެއްގެ މައްޗަށް 70،000 އާއި 90،000 އާ ދެމެދުގެ ކަނޑު އުޅަނދުފަހަރު ދަތުރުކުރާކަމަށެވެ. މިއީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު ކަނޑުއޮޅިތަކުގެ ކޮންޓްރޯލް ރާއްޖެއަށް ލިބިފައިވާކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ސަރަހައްދު ބައިނަލްއަގްވާމީ ހުރިހާ ގައުމުތަކަކަށް މުހިންމުވާކަމަށް ހިލްމީ ވިދާޅުވި އެވެ. ވުމާއެކު ރާއްޖޭގެ ސަރަހައްދީ އިމުގެ ބޭރުން ގަވާއިދާ ހިލާފަށް ކުރާ ކަންކަމުގެ ނުރައްކާ ވެސް ރާއްޖެއަށް ކުރިމަތިވާކަން ފާހަގަކުރެއްވި އެވެ.
"އިންޑިއާ ކަނޑުގެ ތެރޭގައި ހިނގާ ކަނޑުފޭރުމާއި، ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރިކުރުމާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 200 މޭލުގެ އިންޗިއެއްހާ މިންވަރު ބޭރުން ކުރާ މަސްވެރިކަމުގެ ގެއްލުމުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެއަށް ކުރޭ. މިއީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިކުރާ ނުރައްކާތައް. މިއީ އިގްތުސާދަށް ކުރިމަތިކުރާ ބޮޑެތި ގެއްލުންތައް،". ހިލްމީ ވިދާޅުވި އެވެ.
މިފަދަ ކަންކަމާ ގުޅިގެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ކުރިއަށް ގެންދަންޖެހޭ އޮޕަރޭޝަންތައް ހުރިހާ ގޮތަކުން އިތުރުކޮށްފައިވާކަމަށް ހިލްމީ ވިދާޅުވި އެވެ.