ENGLISH
09 މޭ 2026
ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމައެކަނި ބޭނުމަކީ ހިލޭ އެހީ ހޯދުންކަމަށް ވިސްނުން ހުއްޓައިލަންޖެހޭ: ތަރުޖަމާނު
09 މޭ 2026
|
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު)
އެންމެ މަޤްބޫލު
ދިވެހިރާއްޖެއިން އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަަކާ ބާއްވާ ގުޅުމުގެ ހަމައެކަނި ބޭނުމަކީ ހިލޭ އެހީ ހޯދުންކަމަށް ވިސްްނާ ވިސްނުން ދޫކޮށްލަންޖެހޭކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ސްރީލަންކާއަށް މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ކާމިޔާބީގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުންދު ވިދާޅުވީ ދޭދޭ ގައުމުތަކާ އޮންނަ ގުޅުމާއި، ގިނަ ދައުލަތް ބައިވެރިވާ ބައިނަލްއަގުވާމީ މުއައްސަސާތަކާއި ބަވަނަވުން ފަދަ ކަންކަމުގެ އެޖެންޑާގައި އޮންނަނީ އެންމެ ކަމެއް ކަމުގައި ދެކޭ ދެކުން ބަދަލުވާންޖެހޭ ކަމަށެވެ.
މިކަންކަމާމެދު ވިސްނާ ގޮތް ބަދަލުކޮށް، މިހާރަށްވުރެ ފުޅާ މުއްސަނދި ވިސްނުމަކުން އެކަންކަމާ ފިކުރުކުރަންޖެހޭކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ހިލޭ އެހީއަށް ބަރޯސާވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެއްޖެނަމަ ދުވަހަކުވެސް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ނުލިބޭނެ ކަމަށެވެ.
"އަސްލު ހިލޭ އެހީއަށް (ބަލާއިރު) އެވޭލާ ޒަމާނުގައި ނޫނީ މީގެ ވިއްސަކަަށް ފަނަވަރަކަށް އަހަރު ކުރިއަށްޖެހިލާއިރު އަޅުގަނޑުމެންނަށް ލިބުނު މިންވަރަކަށް ހިލޭއެހީއެއް ނުވެސް ލިބޭނޭ. އެއީ ދުނިޔޭގެ ގައުމުތައް ފަންތިތަކަކަށް ގިންތިތަކަކަށް ބަހާލާއިރު، އެއިރު އަޅުގަނޑުމެންނަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި އޮތް ގައުމެއް. 78 ގައި ދުނިޔޭގެ އެންމެ ފަގީރު ތިން ގައުމުގެ ތެރޭގައި އޮތް ގައުމެއް. ކުރިއަރަމުން އަރަމުން، ރައްޔިތުންްގެ ބުރަ މަސައްކަތުން، އެކިއިރުގައި އަޅުގަނޑުމެން ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ކުރިއެރުންތަކެއް ހޯދައި، 60 އަހަރުގެ ތެރޭގައި އެއްކަލަ ހިސާބުން ފެށިގެން މިޑްލް އިންކަމް ގައުމަކަށް ގްރެޖުއޭޓްވެ، މިޑްލް އިންކަމް ގައުމުތަކުގެ ތެރެއިން ތަނަވަސް ގައުމެއްގެ ގޮތުގައި އެންމެ ބަލައިގަނޭ،" މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ ރާއްޖެއަކީ މެދުފަންތީގެ އާމްދަނީއެއް ލިބޭ ކުރިއަރާފައިވާ ގައުމެއްކަމަށް ދައުވާކުރާ ކަމަށެވެ. އަދި ކުރިއަރާފައިވާ ގައުމެއްގެ ސިފަތައް ރާއްޖޭގައި ފުރިހަމަވެފައިވާކަން ބޭރުގެ ދުނިޔެއަށް ސާބިތުކޮށްދިނުމަށް މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އިތުރަށް ތަރުޖަމާނު ވިދާޅުވީ ކުރިއަރާފައިވާ ގައުމެއްކަމަށް ދައުވާކުރަމުން ހިލޭއެހީ ހޯދަން ސަލާންޖެހުމަކީ ދިމާނުވާ ކަމެއް ކަމަށެވެ.
މުންދު ވިދާޅުވީ މިއަދު ރާއްޖެ އޮތް ހާލަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި ހާރިޖިއްޔާއިން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ހިލޭއެހީ ހޯދުންކަމަށް ބަޔަކު ގަބޫލުކުރާނަމަ އެބަޔަކު އެތިބީ މީގެ 15 ވަރަކަށް އަހަރު ކުރީގެ ހިޔާލުގައި ތާށިވެފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ތަރައްގީއަށް އެކި ބޭފުޅުން، އެކި ގައުމުތަކުން ގެނެސްދޭނީ ތަފާތު ކަންތައް. ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތު އެންމެ ކުޑަ ކުއްޖާއަށްވެސް އެބައެނގޭ. ރާއްޖެއަށް ހެޔޮކަމެއް ކޮށްދޭނެ އިހުލާސްތެރިކަމާއެކު އަތުގައި ހިފާ ކޮންމެ ގައުމެއްވެސް ބަލައިގަންނާނަމޭ ވިދާޅުވަނީ. އެހެންކަމަަށްވަންޏާ އެކި ގައުމުތައް އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕާޓްނަރުންނަަށްވާނީ އެކި ގޮތުންނެއްނު؟،" މުންދު ވިދާޅުވިއެވެ.
ޗައިނާއާއި އިންޑިޔާއާއި ޔޫއޭއީ ފަދަ ތަނަވަސް ގައުމުތަކުން މާލީ އެހީތެރިކަން ރާއްޖެއަށް ހޯދާއިރު، އެހެން ގައުމުތަކުން އެހެނިހެން ފުރުސަތުތައް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވީ މެޑިސިން ކިޔަވައިގެން އިންޓާންޝިޕް ހެދުމަށް ދާން ބޭނުންވާ ކުދިންނަށް ހަރަދުކުޑަކޮށް ފުރުސަތު ލިބޭނީ ޔޫއޭއީއަށްވުރެ ބޮޑަށް ލަންކާކަމެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލުކޮށް ބެލެހެއްޓުމުގައި ބޮޑަށް ބަރޯސާވެވޭނީ ދުރުގައި އޮތް ގައުމަކަށްތޯ ނުވަތަ އެންމެ ކައިރީ އޮތް އެންމެ އަވައްޓެރި ލަންކާއަށްތޯ ސުވާލުކުރައްވަމުން މުންދު ވިދާޅުވީ އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން އެންމެ މުހިއްމު ބައިވެރިން ނޫން އެހެން ގައުމުތަކަކީވެސް ރާއްޖެއަށް މުހިއްމު ގައުމުތަކެއްގެ ގޮތުގައި ވިސްނައި، ކޮންމެ ގައުމަކާއެކު އޮންނަ ގުޅުން އެ ގައުމަކާ އެކަށޭނެ ގޮތަށް ކޮށައިމަށައި ބައްޓަންކުރަންޖެހޭ ކަމަށެވެ.