ENGLISH
08 މޭ 2026
ފުނަވަލަށް އަސަރުނުކުރާނެހެން ވިލިމާލޭގައި 3 ޓަވަރު އަޅަން ބިން ކަނޑައަޅައިފި
08 މޭ 2026
|
ވިލިމާލޭ ފުނަވާ - ފޮޓޯ: އެމްވީ ޕްލަސް
އެންމެ މަޤްބޫލު
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓް އަޅާނެ ބިން މިހާރު ކަނޑައަޅާފައިވާ ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ، މި ޓަވަރުތައް ބިނާކުރާއިރު ވިލިމާލޭގެ ގުދުރަތީ ރީތިކަމާއި، ހާއްސަކޮށް އެ ރަށުގައި އޮތް ޒަމާންވީ ފުނަވަލަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
މި މަޝްރޫގެ ދަށުން ދެ ޓަވަރެއް އެޅުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ. އަދި ތިންވަނަ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދާ ކައިރީގައެވެ.
މި މަޝްރޫއާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ފުނަވަލުގައި ހުރި ދުވަސްވީ ގަސްތައް ކެނޑުމާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން އެ ސަރަހައްދު ހިމާޔަތްކުރުމަށް އެދި ހުމައިދާ އަބްދުލް ގަފޫރު އަދި އަހުމަދު އިކުރާމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.
މި މައްސަލައިގައި އެދިފައިވަނީ ފުނަވަލުގައި ހުރި ހިމާޔަތްކުރެވިފައިވާ ގަސްތަކަށް ގެއްލުންވާފަދަ އެއްވެސް މަސައްކަތެއް ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
މިކަމާ ގުޅިގެން މީގެ ކުރިން، ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ގަސްތައް ކަނޑާނީ ކޮންމެހެން ނަގަންޖެހޭ ހާލަތެއްގައި އެންމެ މަދު މިންވަރަކަށް ބަލައިގެން ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވިލިމާލޭގެ ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރާ ޖަމިއްޔާތަކުގެ މައިގަނޑު އެދުމަކީ، ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމި، ރަށަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވާއިރު، ރަށުގެ ހިތްގައިމުކަމާއި ފެހިކަން ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމެވެ.