ENGLISH

08 މޭ 2026

Advertisement

ތާރީޚީ އަމުރެއް: މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަނެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

08 މޭ 2026

|

އަޙުމަދު ޙަމީދު

ޑްރަގް އައްޑާއެއް -- ފައިލް ފޮޓޯ

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކ. މާލެ / ހ. ގުންޒަރު ބަންދުކުރުމަށެވެ. އެ ތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މެއި 5 އިން ފެށިގެން 90 ދުވަހަށެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް އަމަލުކުރަން ފެށީ 2026 މާރިޗު 7 ގައެވެ.

ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަަށް ވަނީ ބުނެފަ އެވެ.

މަސްތުވާތަކެތީން މުޖްތަމައު ސަލާމަތް ކުރުމަށް މި ސަރުކާރުން ދަނީ ހަރުކަށި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރަމުންނެވެ. އެ ސިޔާސަތުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެވެ. ސަރުކާރުގެ އަމާޒަކީ އެ ވަބާއިން މުޅި މުޖްތަމަޢު ސަލާމަތް ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު