ENGLISH

08 މޭ 2026

Advertisement

ފީފާ ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާގެ އެއްވަނަ ރާއްޖެ އަށް, 10 ދަރަޖައިގެ ކުރިއެރުމެއް

08 މޭ 2026

|

މުޙައްމަދު އަދުހަމް

އެންމެ ފަހުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ކުޅުންތެރިން. --

ފީފާ އިން މި އަހަރު ޢާއްމުކުރި ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭން 10 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، ދުނިޔޭގެ 99 ވަނަ އަށް ޖެހިލައިފި އެވެ.

މިއަދު ނެރުނު ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި ރާއްޖެ ވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ވެސް އެއްވަނަ މަޤާމު ދަމަހައްޓައި، އޭޝިއާ ބައްރުގެ 24 ވަނަ އަށް ޖެހިލައިފައެވެ.

ފީފާ އިން އެންމެފަހުން މިދިޔަ އަހަރު އިޢުލާންކުރި ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގައި 109 ވަނައިގައި ރާއްޖެ ހިމެނުނުއިރު، އޭގެކުރީން 2024 ވަނަ އަހަރު ފީފާ އިން އަލަށް ރޭންކިންގ އިޢުލާންކުރިއިރު ވެސް ރާއްޖެ އޮތީ 109 ވަނައިގައެވެ.

ރާއްޖޭން ފުޓްސަލްގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދާފައިމިވަނީ، މި އަހަރުގެ ޖަނަވަރީ މަހު ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދައި، އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ދެކުނު އޭޝިއާގެ ޤައުމުތަކަށް ޚާއްޞަކޮށްގެން ބޭއްވީ ފުރަތަމަ ފުޓްސަލް މުބާރާތް ރާއްޖޭން ކާމިޔާބުކުރީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ.

މިއާއެކު، ފުޓްސަލްގައި ދުނިޔޭގެ އެންމެ ގަދަ 100 ޤައުމުގެ ތެރޭގައި ރާއްޖޭން ހިމެނުނީ 914.49 ރޭންކިންގ ޕޮއިންޓް ހަމަކޮށްގެންނެވެ. އެއީ، މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން ރާއްޖެ އަށް 25.38 ކޯ-އެފިޝަންޓް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.

ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގެ ފުޓްސަލް ރޭންކިން އަށް ބަލާއިރު، މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ރާއްޖެއާ އެންމެ ގާތުން ވާދަކުރަނީ ނޭޕާލް އެވެ. ދުނިޔޭގެ 110 ވަނައިގައި ނޭޕާލް އޮތްއިރު، އިންޑިއާ އުޅެނީ 130 ވަނައިގައެވެ. އޭގެ އަށް ދަރަޖަ ދަށުގައި ޕާކިސްތާން އޮތްއިރު، ބަންގްލަދޭޝް އޮތީ 139 ވަނައިގައެވެ. ސްރީ ލަންކާ އަށް 140 ވަނަ ލިބިފައިވާއިރު، ބޫޓާން އުޅެނީ ދުނިޔޭގެ 141 ވަނައިގައެވެ.

މި ފަހަރުގެ ފުޓްސަލްގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލެވެ. ދެވަނައިގައި ޕޯޗުގަލް އަދި ތިންވަނައިގައި ސްޕެއިން އޮތްއިރު، ހަތަރެއްގައި އުޅެނީ އާޖެންޓީނާ އެވެ. އޭޝިއާ ބައްރުގެ އެއްވަނަ މަޤާމުގައި އޮތް އީރާން ވަނީ ދުނިޔޭގެ އެންމެ ގަދަ ފަހެއްގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގެ ހަވަނައިގައި މޮރޮކޯ، ހަތްވަނައިގައި ރަޝިއާ އަދި އަށްވަނައިގައި ކަޒަކިސްތާން އުޅޭއިރު، ނުވަވަނައިގައި އޮތީ ޔޫކްރޭން އެވެ. ދިހަ ވަނައިގައި އޮތީ ފްރާންސެވެ.

ކިޔުންތެރިންގެ ހިޔާލު