ENGLISH

08 މޭ 2026

Advertisement

ބީއެމްއެލްއިން ބައިނަލްއަގުވާމީ 'ނޮންޑީލް ރޯޑްޝޯ' ބައްދަލުވުންތައް ނިންމާލައިފި

08 މޭ 2026

|

އައިމިނަތު ޝަފާ

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ؛ސަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ކުރިއަށްގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 29 އިން ފެށިގެން މިއަދުގެ ނިޔަލަށެވެ.            ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައި ބޭއްވި މި ބައްދަލުވުންތަކަކީ  ބައިނަލްއަގުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ ސްޓެރެޓެޖިކް މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއްކަމަށް ބޭންކުން ބުނެ އެވެ.

މިގޮތުން ހޯދުމަށް ކަނޑައެޅިފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފަ އެވެ.

މި ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި މިވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގަ އެވެ. ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުންކަމަށާއި ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުގައިކަމަށް ބޭންކުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ އިންވެސްޓަރުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން ވަރަށް އުންމީދީ ނަތީޖާތަކެއް ފެނިގެން ގޮސްފައިވާކަމަށެވެ.

"މިއީ ރާއްޖޭގެ އިޤްތިޞާދުގެ ކުރިމަގަށާއި ބޭންކުގެ ހަރުދަނާ ހިންގުމަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަން ހާމަވާ ކަމެއް. މީގެއިތުރުން، ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަކީ ބޭންކަށް ބޭނުންވާ ފަންޑު ހޯދައި، ވަސީލަތްތައް އިތުރުކޮށް، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،". ސީއީއޯ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ، ރިސްކް މެނޭޖްމަންޓުގެ ހަރުދަނާ އުސޫލުތަކާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދައި، ދިވެހި މާލީ ނިޒާމުގެ މައި ތަނބުގެ ގޮތުގައި ބޭންކުން އަދާކުރާ ދައުރު އިތުރަށް ވަރުގަދަކޮށް، ހިއްސާދާރުންނަށް އެންމެ ފައިދާހުރި ގޮތުގައި ބެންކު ހިންގުމަށެވެ.          

ކިޔުންތެރިންގެ ހިޔާލު