ENGLISH
08 މޭ 2026
ތެލަސީމިއާ ދުވަސް: ސީއީއޯ ހަލީމް ތަފްސީލުކޮށްދެއްވީ ޚިދުމަތަށް ދެއަހަރުތެރޭ ގެންނެވި އެދެވޭ ބަދަލުތައް
08 މޭ 2026
|
މާލެ ސިޓީ އޮފް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް -- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ތެލަސީމިއާގެ ފަރުވާގެ ކަންކަން ނިޒާމެއްގެ ތެރެއަށް ފެއްތުމަށްޓަކައި މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަމުގައި މިދިޔަ އަހަރުތަކުގައި ލިބެމުންދިޔައީ ކަންބޮޑުވުން އިންތިހާއަށް އޮތް ޝަކުވާތަކެކެވެ. މި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅީ އަވަސް ފިޔަވަޅުތަކެކެވެ. ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ތަފްސީލުކޮށްދެއްވީ އެ ޚިދުމަތަށް މިދިޔަ ދެއަހަރުތެރޭ ގެންނެވި އެދެވޭ ބަދަލުތަކެވެ.
އިބްރާހިމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ތެލަސީމިއާ ސެންޓަރުން ދެމުން އައި ހުރިހާ ހިދުމަތެއް މިދިޔަ އަހަރުގެ މެއި މަހު އޮރެންޖް ހިޔާއަށް ބަދަލުކުރެވިފައިވާ ކަމެވެ. މީގެ އިތުރުން ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރެއް ތައާރަފްކުރުމަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ތެލެސީމިއާ ކުދިންގެ ސިއްހީ ހާލަތު ގާތުން ބަލައި ފަރުވާގެ ނިޒާމު ކަށަވަރުކުރުމަށްޓަކައި ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެޝަނަލް ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ކުދިންނަށް ޚާއްސަ އެލަވަންސެއް ދޭން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ. މި އެލަވަންސާއެކު ތެލަސީމިގެ އާއިލާތަކަށް މާލީގޮތުން އެހީތެރިކަމެއް ލިބި، ނަފްސާނީގޮތުން ތަސައްލީއެއް ލިބުނުކަމަށް ވިދާޅުވި އެވެ.
ތެލަސީމިއާ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމު ކަމެއްކަމަށާއި، އަހަރުގެ މިހާތަނަށް ތެލަސީމިއާ ބަލީގެ ހަތަރު ކުދިން ރެކޯޑްކުރެވިފައިވާކަމަށް ސީއީއޯ ވިދާޅުވި އެވެ. އެހެންކަމުން މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސެލިންގެ ހިދުމަތް ހަރުދަނާ ކުރުމަކީ އެންމެ ބޮޑު އަމާޒުކަމަށް ވިދާޅުވި އެވެ. އެގޮތުން ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންއާއި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ދިނުމަށް ހާއްސަ ނިޒާމެއް މިއަހަރުގެ ތެރޭގައި ތައާރަފް ކުރާނެކަން ފާހަގަކުރެއްވިއެވެ.
މުޅި މުޖުތަމަޢަށް އިލްތިމާސް ކުރެއްވީ، ތެލަސީމިއާ ބަލީގެ ފަރާތްތަކުން ތަޙައްމަލު ކުރަމުންދާ ދަތިތަކުން މުސްތަގްބަލް ސަލާމަތްކުރުމަށްޓަކައި ކައިވެނީގެ ކުރިން ޓެސްޓް ކުރުމާއި، ސިއްހީ މާހިރުންދޭ އިރުޝާދުތަކަށް ބޯލެނބުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކުމަށެވެ.
އަލަށް ހުޅުވި ތެލަސީމިއާ ސެންޓަރުން ބަޔަކު ޚިދުމަތް ހޯދަނީ. ތެލަސީމިއާގެ ޚިދުމަތްތައް ރަނގަޅުކުރަން ސަރުކާރުން ވަނީ އެދެވޭ ގިނަ ބަދަލުތަކެއް ގެނެސްފައި. ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ މަސައްކަތްތައްވެސް ސީއީއޯ ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ހާއްސަ ދަފްތަރެއް ޑިޖިޓަލައިޒް ކުރުމާއި، މި ޖޫން މަހުގެ ތެރޭގައި ދިވެހި ހެމަޓޮލޮޖިސްޓެއްގެ ބެއްލެވުމުގެ ދަށުން ތެލަސީމިއާ ސެންޓަރުގައި ޚިދުމަތް ދޭންފަށާނެކަމަށް ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ޒަމާނީކޮށް ފަސޭހަކޮށްދިނުމަށްޓަކައި، ހިދުމަތްތައް ޑިޖިޓަލައިޒް ކުރަމުންނެވެ. އެގޮތުން ތެލެސީމިއާ ކުދިންގެ ރަޖިސްޓްރީވެސް "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓުމުގެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން މިއަހަރުގެ ފެބްރުވަރީ މަހު ޑީ.އެން.އޭ ލެބޯޓްރީގެ ހިދުމަތް ފެށުމާއި، ހުކުރު ދުވަހު ލޭ ހަދިޔާ ކުރުމާއި، ލޭ އެޅުމުގެ ހިދުމަތްތައް 32 އަހަރުގެ ދިގު މާޒީއަކަށް ފަހު ފަށާފައިވެ އެވެ. މީގެ އިތުރުން އަލަށް ފެށި ހިދުމަތްތަކުގެ ތެރޭގައި ހެމަޓޮލޮޖީ ހިދުމަތާއި، އެޗް.އެލް.އޭ ޓައިޕިން އަދި ބޯންމެރޯ ޓްލާންސްޕްލާންޓާ ގުޅޭ ޓެސްޓް ހެދުމާއި، ވިޒިޓިން ކޮންސަލްޓެންޓްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ތެލަސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ ބައިތައް ޖަމާވާ މިންވަރު ދެނެގަތުމަށްޓަކައި އަލަށް ހަދަން ފެށި އެމް.އާރު.އައި.ޓީޓޫ ސްޓަރގެ ހިދުމަތް ފާހަގަކޮށްލެވެ އެވެ.
ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަޓަކައި ހަދާ "ގޯލްޑް ސްޓޭންޑަޑް" ތަހްލީލެއް ކަމަށްވާ "ނެޓް" ޓެސްޓިންގެ ޚިދުމަތް މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރަސްމީކޮށް ފަށާނެކަމަށް ހަލީމް ވިދާޅުވި އެވެ. މިއީ ލޭގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް ރާއްޖޭގެ އެޅޭ ތާރީޚީ ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން ލިވަރ ފައިބްރޯސިސް ދެނެގަތުމަށް ހަދާ ސްކޭންގެ ޚިދުމަތާއި، އަންހެނުންގެ ޚާއްސަ ބަލިތަކުގެ އޮންކޯލް ޚިދުމަތާއި އަދި މިނޫންވެސް މުހިންމު އެކިއެކި ޚިދުމަތްތަކުގެ ޚާއްސަ ކޮންސަލްޓެންޓުން ސެންޓަރުގައި ބެއްލެވުމުގެ އިންތިޒާމް މިއަހަރު ތެރޭގައި ފެށުމަކީ އަމާޒެއްކަމަށް ސީއީއޯ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ސެންޓަރު ހުޅުއްވައިދެއްވުން. ތެލަސީމިއާ ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހާއްސަ އަހަމިއްޔަތުކަމެއް ދީފަ. ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް 10 ދުވަސްތެރޭގައި ތެލަސީމިއާ ސެންޓަރުގައި އެތެރެހަށީގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކަށް ޙާއްސަ އޮންކޯލް ހިދުމަތް ފައްޓަވާނެ ކަމުގެ ޔަގީންކަން ސީއީއޯ ދެއްވާފައިވެ އެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލްއެއް ތަރައްޤީކޮށް ދިނުމެވެ. ބޯންމެރޯ ޓްލާންސްޕްލާންޓް ހެދުމަށް ދައުލަތުގެ ޚަރަދުގައާއި ޒަކާތު ފަންޑުގެ އެހީގައި ހަރަދުކޮށް، އެ ހިދުމަތް ދެމުން އަންނަ ކުދިން އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މި ތާރީޚީ ބަދަލްތައް ގެނެސްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅަށާއި، ދެއްވެވި ހާއްސަ އަހައްމިއްޔަތަށް އެކަނިކުފާނަށް ސީއީއޯ ހަލީމް ޝުކުރު ދަންނަވާފައިވެ އެވެ.
ދިވެހި ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް އުފާވެރި އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުން ކަމަށާއި، ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ފަހި މުސްތަގްބަލެއް ހޯދައި ދިނުމަށްޓަކައި ހުރިހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ސީއީއޯ ހަލީމް ގޮވާލެއްވި އެވެ.