ENGLISH
08 މޭ 2026
ރުފިޔާގެ އަގު ހިފަހައްޓަން ފެށި އޮޕަރޭޝަނުގައި ތިން ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި
08 މޭ 2026
|
އެމްއެމްއޭ ބިލްޑިންގް-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އެންމެ މަޤްބޫލު
ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާ ދިއުން ހުއްޓުވުމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ދަށުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފާއިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދިވެހި ރުފިޔާގެ އަގަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ހުރި އިތުރު ފައިސާ ނުވަތަ ލިކުއިޑިޓީ މަދުކުރުމުގެ މަގުސަދުގައި ރިވާސް ރީޕާޗޭސް އޮޕަރޭޝަންތައް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ތިން ބިލިއަން ރުފިޔާ ދައުރުވުން މިހާތަނަށް ހުއްޓުވާފައިވާކަމަށް އެމްއެމްއޭގެެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ސަރުކާރުން އެ ބޭންކަށް ދައްކަންޖެހޭ ދިގު މުއްދަތުގެ ބޮންޑުގެ އަދަދު 14 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ އެކި ފަހަރު މަތިން ފައިސާ ޗާޕުކުރުމުގެ ސަބަބުން އުފެދިފައިވާ ދަރަންޏެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އަހަރު ރިޕޯޓުން އެނގޭ ގޮތުގައި އިގްތިސާދުގައި ދައުރުވި ފައިސާގެ މިންވަރު ވަނީ 21 އިންސައްތަ އިތުރުވެ، ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އެކްސްޗޭންޖް ރޭޓަށް އޮތް ބާރު ކުޑަކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަނީ އެކްސްޗޭންޖް ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވެ، ޑޮލަރުން ލިބޭ އާމްދަނީ ދަށްވަމުން އަންނައިރު މި ދަތިތަކާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ ޑޮލަރު ބޭނުންކުރެވޭ މިންގަނޑުތަކަށް މި ހަފުތާގައި ބަދަލުތަކެއް ގެނެސް ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.