ENGLISH
08 މޭ 2026
ބޭންކު ކާޑު ކުއްޔަށް ނުދީ، އެއީ ޤާނޫނީ ކުށަކަށް މަގުފަހިވެދާނެ ކަމެއް: ފުލުހުން
08 މޭ 2026
|
އެންމެ މަޤްބޫލު
ބޭންކް ކާޑު ކުއްޔަށް ދޭ މައްސަލަތައް އިތުރުވެފައިވާތީ އެއީ ގާނޫނީ ކުށެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ހަނދާންކޮށްދީފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެކަމެއް ކަމަށެވެ.
މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޚާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ފަދަ އިޝްތިހާރުތައް ދަނީ އިތުރުވަމުންކަން ފުލުހުން ފާހަގަކުރެ އެވެ.
ފުލުހުން ބުނީ އެކައުންޓަކީ އަމިއްލަ އެއްޗެއްކަމަށާއި ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީ އަކީ އެހެން ފަރާތަކަށް ދީގެންވާނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއްކަން ހަނދާންކޮށްދީ މީގެ ސަބަބުން ޖިނާއީ ދަޢުވާ އުފުލި، ބޭންކިން ޚިދުމަތްތަކުން މަޙްރޫމްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމީހެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތެއްގެ ޒިންމާ ނަގަންޖެހޭނީ ސީދާ އެކައުންޓްގެ ވެރިފަރާތުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިފަދަ ޕޯސްޓްތައް ޝެއާ ނުކޮށް މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އެކައުންޓް ކުއްޔަށްދޭ ފަރާތްތަކަށާއި، ކުއްޔަށް ނަގާ ފަރާތްތަކާއި މެދު ފުލުހުންނާއި މާލީ އިދާރާތަކާއި ގުޅިގެން ޤާނޫނީގޮތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެެ.
ބޭންކް އެކައުންޓު ކުއްޔަށްދޭ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އަށް ވެސް އެފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް ބޭންކުން ވެސް ވަނީ ބުނެފަ އެވެ.