ENGLISH

08 މޭ 2026

Advertisement

ޕީއެންސީއަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން: އަބްދުއްރަހީމް

08 މޭ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ. ފޮޓޯ؛ ޕީއެންސީ

ސަރުކާރު ހިންގާ ޕީއެންސީއަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުވީ ފަހުން ރާއްޖޭގައިކުރި ވެރިކަންތައް ޕީއެންސީން ތަޖުރިބާކޮށްފައިވާކަމަށާއި އެ ވެރިކަންތަކާއި މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ވެރިކަމާ އަޅާކިޔާލުމުން ވެރިކަންތަކުގައި ހުރި ތަފާތުތައް ފެންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ރައްޔިތުން ގޮތް ނިންމީމައި އެ ނިންމުމަށް އިހުތިރާމުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ ރޫހާ އެއްގޮތަށް ކުރިއަށް އޮތް ތަން ރާވަން އެނގޭ ރާވަން ކެރޭ އެ ހިތްވަރު ހުރި ފިކުރެއްގެ ތެރެއިން އައިސް ތިބި ބައެއް. އެހެންވީމަ ލޯކަލް އިންތިހާބު ނިމުނު ރޭ އަޅުގަނޑުމެންގެ ރައީސް ވިދާޅުވީ ރައްޔިތުންގެ ބަސް އަޑުއަހައިފީމޭ. ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެސްދެއްވާނަމޭ،". އަބްދުއްރަހީމް ވިދާޅުވި އެވެ. 

މިބަދަލުތައް ރައީސް ގެނެސްދެއްވާއިރު ރައްޔިތުން ކޮށްދެންވީ ކަމަކީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެގެން ތިބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި 2028 އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕީއެންސީގެ ސަޕޯޓަރުން ކަމަރު ބަންނަންޖެހޭކަމަށް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގައުމު އިތުރަށް ހަލަބޮލިކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށެވެ. 

ވެރިކަމަށް އަންނަން އުޅޭ އެހެން ފަރާތްތަކަށް ފުރުސަތު ލިބުމުން ކަންތައް ވާނެ ގޮތް ރައްޔިތުންނަށް މިހާރު ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އެހެންކަމުން ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ތިބުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. 

ކިޔުންތެރިންގެ ހިޔާލު