ENGLISH
08 މޭ 2026
ގައުމު ދެކެ ލޯބިވާ އިދިކޮޅު ލީޑަރުން ތިބި ނަމަ މިހާލަތުގައި މުޒާހަރާއެއް ނުކުރާނެ: މެންބަރު ޒަރީރު
08 މޭ 2026
|
ޕީއެންސީން ކުރިން ބޭއްވި ޖަލްސާއެއްގައި މެމްބަރު ޒަަރީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ގައުމު ދެކެ ލޯބިވާ އިދިކޮޅު ލީޑަރުން ތިބި ނަމަ ދުނިޔެއަށް މިހާރު ކުރިމަތިވެފައި މި އޮތް ހާލަތުގައި މުޒާހަރާކޮށް ގައުމު ހަލަބޮލި ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަަރީރު ވިދާޅުވެއްޖެ އެވެ.
މެމްބަރު މިހެން ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދުނިޔެ އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމަށާއި ދެންވެސް ހާލަތު ބަދަލުވެގެންދާނެ ގޮތެއް ނޭނގޭކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ މިފަދަ ހާލަތެއްގައި ދުނިޔެ އޮތްއިރު ޤައުމު ދެކެ ލޯބިވާ އިދިކޮޅު ލީޑަރުން ތިބިނަމަ މިވަގުތު މުޒާހަރާ ނުކުރާނެ ކަމަށެވެ. އަދި ގައުމުދެކެ ލޯބިވާ ލީޑަރުން ތިބިނަމަ މިވަގުތު އެއްވުންތައް ނުބާއްވާ ސަރުކާރު ހިންގަން ފުރުސަތު ދޭނެ ކަމަށާއި އަދި މިއީ ސަރުކާރާއެކު ލީޑަރުން ތިބެންވީ ވަގުތު ކަމަށް ޒަރީރު ވިދާޅުވި އެވެ.
"ގައުމު ދެކެ ލޯބިވާ އިދިކޮޅު ލީޑަރުން ތިބި ނަމަ މިވަގުތު މުޒާހަރާއެއް ނުކުރާނެ. އެއްވުންތަކެއް ނުބާއްވާނެ. މި ވަގުތު ދޭނީ ސަރުކާރު ހިންގަން ފުރުސަތު. ގައުމުދެކެ ލޯބިވާނަމަ އިނގޭތޯ. މިދައުލަތް ދެކެ ލޯބިވާނަމަ ކުރާނީ އެ މަސައްކަތް. މިއީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަންޖެހޭ ވަގުތެއް ނޫން. މިއީ ސަރުކާރާ އެއްކޮށް މަސައްކަތް ކުރަންޖޭހޭ ވަގުތު،". މެމްބަރު ވިދާޅުވި އެވެ.
ބޭނުންތަނަކަށް އެއްވާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނައިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެއްވެ އުޅެވޭ ތަންތަނުގެ އަދަދު އިތުރު ނުކުރީ ކީއްވެތޯ މެމްބަރު ސުވާލު އުފެއްދެވި އެވެ.
ބޭނުންހާ ތަނަކަށް އެއްވުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކުރާކަމެއް ނޫންކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވަނީ އެފަރާތްތަކުން ބާއްވާ އެއްވުންތަކުގައި ރައްޔިތުން ބައިވަރެވަމުން ނުދާތީ ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މެމްބަރު ވިދާޅުވި އެވެ. ރާއްޖޭގެ ދަރަނިތައް ދެއްކި ބާރު ސްޕީޑުގައި ގައުމު ހިނގައިގަންނަތަން ފެނުމުން އަދި 2028 އިދިކޮޅު ފަރާތްތަކަށް ނުލިބޭނެކަން އެނގުމުން މަގުމައްޗަށް ނިކުމެ ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ރާއްޖެއަށް އާމްދަނީއެއް އެންމެ ބޮޑަށް ލިބޭ ދާއިރާއަކީ ފަތުރުވެރިކަން ކަމަށް ވިދާޅުވެ ހަނގުރާމައިގެ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ތަސައްވަރު ހަޑިކުރަން އަދި ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކުރަން، މަގުމައްޗަށް ނިކުމެ އުޅެނީ ގައުމާމެދު ލޯތްބެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ބޭނުންވަނީ ފާގަތިކަންކަމަށް ވިދާޅުވެ އެކަން ކުރެވޭނީ ގައުމުގެ ދަރިންގެ އަދި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ދައުލަތް ސަލާމަތް ކުރުމަށް ނިންމުންތައް ނިންމަންކެރޭ ލީޑަރުންނަށްކަން ޒަރީރު ފާހަގަކުރެއްވި އެވެ.