ENGLISH
08 މޭ 2026
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެ
08 މޭ 2026
|
ލޯންޗެއް ދަތުރުކުރަމުން ދަނީ -- ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އިން ބުނީ މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
އިތުރަށް މޫސުމާ ބެހޭ އިދާރާއިން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ކަނޑުގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެ އެވެ.
ރާޅުގެ އުސްމިން ދެކުނުގައި ހަތަރު ފޫޓް އާ ހަތް ފޫޓް އާ ދެމެދުގައި ހުންނައިރު، އުތުރާއި މެދުރާއްޖޭތެރޭގައި ތިން ފޫޓް އާ ފަސް ފޫޓްގެ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެންދުރު 13:00 އިން އިރު އޮއްސި 19:00 އަށް ހުދު ސަމާލު ނެރެފަ އެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސްވާ ދުވަރެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށާއި، އެ އިދާރާއިން ނެރެމުން އަންނަ މޫސުމުގެ އެލާޓުތަކަށްވެސް ސަލާލުކަން ދިނުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެ އެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ކަމާގުޅި ހުރިހާ އިދާރާތަކުން ވެސް އަންނަނީ، ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ނުވަތަ ގެއްލުން ކުޑަ ކުރުމަށްޓަކައި، މޫސުމަށް ސަމާލުވުމަށް ނަސޭހަތްތެރިވަމުންނެވެ.