ENGLISH

08 މޭ 2026

Advertisement

ހެއު ގޮތުގައި ޙައްޖުވުމަށް ކުރާ ޚަރަދުތަކަކީ ހަލާލުގޮތުގައި ހޯދާފައިވާ ފައިސާއަށް ވާންޖެހޭ: ހުކުރު ޚުޠުބާ

08 މޭ 2026

|

މުޙައްމަދު އަދުހަމް

ހެއު ގޮތުގައި ޙައްޖު ވުމަށްޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، ޢާއްމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ހަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ހެއު ގޮތުގައި ވެވޭ ޙައްޖު" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުވުމަކީ އަދި ޢުމުރުން އެއް ފަހަރު ޢުމްރާވުމަކީ ވާޖިބެއް ކަމަށެވެ. އެއް ފަހަރަށް ވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި. ނުހަނު ގިނަގުނަ ޘަވާބު ލިބެނިވި ކަމެއް ކަމުގައި ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވުމަކީ، އެ ކަމަށް ޞިއްޙީ ގޮތުން ކެރި ކުޅަދާނަވުމާއި، ޚަރަދުކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި، މަގު އަމާންވެގެން ވުން ކަމަށެވެ.

ހެއު ގޮތުގައި ވެވޭ ޙައްޖަށް އަރަހުށި ހުސްޠާހިރުވަންތަ الله ދެއްވާ ޘަވާބަކީ ސުވަރުގެކަން ޝަރުޢީ ދަލީލުތަކުން ސާބިތުވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

"ހެއު ގޮތުގައި ވެވޭ ޙައްޖެއްކަމުގައި ތިމާގެ ޙައްޖުވުމަށް ޓަކައި، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ތިމާ ކުރާންޖެހޭ ކަންތައްތަކެއް ވެއެވެ. މި ގޮތުން އިޚްލާސްތެރި ރަނގަޅު ތައުބާއަކުން ތައުބާވާންޖެހެއެވެ. އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. ޚާއްޞަކޮށް ޙައްޖުވުމަށް ޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، ޢާންމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ހަލާލުގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދުތަކެއްކަމުގައި ވާންޖެހެއެވެ." ޚުޠުބާގައި ބުންޏެވެ.

މާތް اللهގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަޅުކަމެއް ކަމުގައި، ކޮންމެ އަޅުކަމެއް ވެސް ވާހުށީ، އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ފުރިހަމަވެގެން ކަމަށް ޚުޠުބާގައި ބުންޏެވެ. އެއީ، މާތް اللهގެ ވަޖުހުފުޅު އަދައިގެން އިޚްލާސްތެރިކަމާއެކު، ކީރިތި ރަސޫލާ صلى الله عليه وسلم އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރުން ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ދެއްކުންތެރިކަމުން ޠާހިރުވެ، މާތް اللهއަށް ޓަކައި އިޚްލާސްތެރިކަމާ އެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ ޢަމަލެއް ވުމަކީ ވެސް ވާޖިބެއް ކަމަށާއި، ޙައްޖަށްދާ މީހާ ނުވަތަ ޢުމްރާއަށްދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި، މި އަޅުކަމުގެ ޙުކުމްތައް އުނގެނި ދަސްކުރުން ހުށި ކަމަށެވެ.

"ހެއު ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ ޙައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވުމެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ޙައްޖަކީ އަހަރަކު އެއް ފަހަރު އަދާކުރެވޭ އަޅުކަމެއް ކަމަށާއި، ޢުމްރާއަކީ އަހަރަކު އެއް ފަހަރަށް ވުރެ ގިނައިން ވެސް އަދާކުރެވޭ އަޅުކަމެއްކަން ހަނދާންކޮށްދީފައެވެ. އެގޮތުން، ޙައްޖަށް އިހްރާމް ބަނދެވޭނީ ޙައްޖުގެ މައްސަރުތަކުގައި ކަމަށާއި، ޙައްޖުގެ މައްސަރުތަކަކީ ޝައްވާލް މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޙައްޖު މަހުގެ ނުވަވަނަ ދުވަހު އަރަފާތުގައި ހުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމަށްވީއިރު، ޙައްޖުގެ ރުކުނެއް އަޅައިފި މީހަކަށް އެ އަހަރަކު ޙައްޖެއް ނުލިބޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު