ENGLISH
08 މޭ 2026
ނޫސްވެރިން އަތުލަފިކޮށްގެން ގެންގުޅޭކަށް ނުޖެހޭ، ގޯހުން ކަންކުރާ ނަމަ ފިޔަވަޅު އަޅާ: ކުރީގެ މެމްބަރު އަދުނާން
08 މޭ 2026
|
ނޫސްވެރިންތަކެއް ރައީސް އޮފީހުގައި
އެންމެ މަޤްބޫލު
ނޫސްވެރިކަމުގެ މިނިވަންކަމަކީ ނޫސްވެރިން އަތުލަފިކޮށްގެން ސަރުކާރަކުން އުޅުން ނޫންކަމަށާއި، ނޫސްވެރިން ދޫކޮށްލުމަށްފަހު ގޯހުން، ކަންކުރާނަމަ ފިޔަވަޅު އަޅަންޖެހޭކަމަށް އައު ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އަދުނާން ޙަލީމް ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަދުނާން ވިދާޅުވީ ނޫސްވެރިކަން މިނިވަން ނުވެގެން އުޅެނީ ސަރުކާރުތަކުން ކަން ކުރަމުން އައި ގޮތުން ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަކީ ނޫސްވެރިން ގޮވައިގެން ސަރުކާރުން އުޅުން ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، އަދުނާން ވިދާޅުވީ ނޫސްވެރިންނަށް ސަރުކާރުން ސްޕޮންސާ ދީގެން ނުވަތަ ފައިސާ ދީގެން އުޅެން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ނޫސްވެރިން ދޫކޮށްލަން. ދޫކޮށްލާފައި އެމީހުންނާ ދޭތެރޭ ފިޔަވަޅުތައް އަޅަން. ގޯސްކޮށް ލިޔުނީމަ، ދޮގު ވާހަކަ ފެތުރީމަ، މީހުންގެ އަބުރަަށް އަރައިގަތީމަ އެ ކުރަންޖެހޭ ކަމެއް ކުރަން. އޭރުން މިކަން ރަނގަޅުވާނެ. މިނިވަން ނުވެގެން މިއުޅެނީ މިކަހަލަ ކަންކަން ހުރިމަ،" އަދުނާން ވިދާޅުވި އެވެ.
ސަރުކާރުން ނޫސްވެރިން ދޫކޮށްލުމަށްފަހު ގޯހުން ކަން ކުރާނަމަ ފިޔަވަޅު އަޅަންޖެހޭކަމަށް އަދުނާން ވިދާޅުވި އިރު، މިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކަރުގެ އިސްވެރިންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ނޫހަކުން ފެތުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
ވުމާއެކު މަޢުލޫމާތު ފެތުރުމުގައި، އަޚުލާގީ މިންގަނޑާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ހަނދާންކޮށްދެމުންނެވެ.
ނޫސްވެރިންނަށާއި، މީޑިއާގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ކަޑައްތުކުރުމުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްގު ކަށަވަރުކޮށްދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ.