ENGLISH
04 ޖޫން 2025
ޕެނަލްޓީ ޖަހައިގެން ގުރައިދޫ ބަލިކޮށް މާލެ ސިޓީ ސެމީ އަށް
19 ޑިސެމްބަރު 2024
|
މެޗެއްގައި ލަނޑުޖެހުމަށްފަހު މާލެ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސިޑިބަރި
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ 4-2 އިން ބަލިކޮށް މާލެ ސިޓީން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީގައި މާލެ ސިޓީ ނުކުންނާނީ ފުރަތަމަ ބުރުގައި އެއް ގްރޫޕެއްގައި ހިމެނުނު ބ. އޭދަފުއްޓާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މޮޅުވީ އޭދަފުއްޓެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގުރައިދުއަށް ލީޑު ނަގައިދިނީ މިސްރު ފޯވާޑް، އަހްމަދު އިބްރާހިމް އައްބާސް އަލް ހަޝަޝް އެވެ.
މާލެ ސިޓީއަށް އެއްވަރުކޮށްދިން ލަނޑަކީ ގުރައިދޫގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އަކަށް ފަހު އެވެ.
ޕެނަލްޓީގައި ގުރައިދޫން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. މި ދެ ޕެނަލްޓީ ވެސް މާލެ ސިޓީގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފައެވެ.
މާލެ ސިޓީން ފޮނުވާލި ޕަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ގުރައިދޫގެ ކީޕަރު، އަހުމަދު ސަމީރު މަތަކުރިއެވެ. އެ ޓީމު މޮޅުވި ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ކ. މާފުށި ނުކުންނާނީ އައްޑޫ ސިޓީއާ ދެކޮޅަށެވެ.