ENGLISH

20 މޭ 2026

Advertisement

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން

06 މޭ 2026

|

ޢަލީ ޝަހީމް

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންފިއެވެ. 

މި ފޯރަމް އޮތީ ސްރީލަންކާގެ ކޮލޮމްބޯގައި 05 މެއި 2026 ވަނަ ދުވަހު.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

 މި ފޯރަމުގައި އެމަނިކުފާނު ވިދާޅުވީ، 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ދިވެހިރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައިކަމަށް. އަދި ފުރިހަމައަށް ތަރައްޤީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް. ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފަ. ފޮޓޯ: ރައީސް އޮފީސް

ދެހާސް ސާޅީހުގެ ތަސައްވުރުގެ މުގުލުގައިވަނީ، ތަރައްޤީ ބައްޓަންކުރަންވާނީ ރައްޔިތުންގެ މަސްލަހަތުތައް އިސްކޮށްގެން، ފަންނިއްޔާތުގެ އެހީގައި ކަންކަން ފަހިކޮށްދީގެން، އަދި ތިމާވެށީގެ ކަންބޮޑުވުންތަކަށް ޒިންމާދާރުވާނޭ ގޮތެއްގައިކަމަށް ދެކޭ ޤަބޫލުކުރުންކަން، އެމަނިކުފާނު ފާހަގަކުރެއްވި.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަނީ. މި ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުޞަތުތައް ވަނީ ތަފްޞީލްކޮށް ހުށަހަޅައިދެއްވާފަ. ފޮޓޯ: ރައީސް އޮފީސް

ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސްކަމުގައި ކަނޑައަޅުއްވާފައިވަނީ، އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުން ފަހިކުރާ ކުރިއެރުންކަމުގައި އެމަނިކުފާނު ވިދާޅުވި.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ވުނަކުރުމަށް ހިތްވަރުލިބޭފަދަ، އަދި ވިޔަފާރިވެރިން ބާރުވެރިކުރެވޭފަދަ ފަހި މާހައުލެއް އުފެއްދުމަށްޓަކައި، ވަރުގަދަ އަޒުމެއްގައި، ހަރުދަނާ އިޞްލާޙީ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގެ ބައިވެރިއަކު ވާހަކަދައްކަވަނީ. ފޮރިން އިންވެސްޓްމަންޓްތަކާ ގުޅޭ މުހިއްމު މަޝްވަރާތަކެއް މި ފޯރަމްގައި ވަނީ ކުރިއަށްގެންދަވާފައި. ފޮޓޯ: ރައީސް އޮފީސް

ސާފު އަދި ކުރިމަގު ލަފާކުރެވޭ ފަދަ ދެފުށްފެންނަ ނިޒާމެއް ފަރުމާކޮށްގެން، ވުނޭރުންނަށް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފޮރިން އިންވެސްޓްމަންޓް ޤާނޫނު ޒަމާނީކޮށް، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަރމަންޓްސް އިޞްލާޙުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި.

ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން. ފޮޓޯ: ރައީސް އޮފީސް

ތަޤުރީރުގައި އެމަނިކުފާނު ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ސިފަކުރައްވާފަ.

ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ދިއުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިކަމުގެ ސަބަބުން، ދިވެހިރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަމާއި، ފަންނިއްޔާތުން ބާރުލިބިގެން، ތަރައްޤީގެ މަންޒިލަކަށް ރާއްޖެ މިސްރާބުހިފާފައިވާކަން، ވުނޭރުންނަށް ރަމްޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވި.

ފޯރަމްގައި ރައީސް ތަޤްރީރުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، މާލީ އަޚުލާޤަށާއި، އިޤްތިޞާދީ ވިލުންތެރިކަމަށާއި، ދުރު- ރާސްތާގެ ކުރިއެރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި، އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، މިއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމުގެ މުހިންމު ދަނޑިވަޅެއް ރަމްޒުކޮށްދޭ ފޯރަމެއްކަމަށް ވިދާޅުވެފަ.

މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވަޒީރު މުޙައްމަދު ސަޢީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި، ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާވެސް ތަޤުރީރުކުރެއްވި. އެކަމަނާގެ ވާހަކަފުޅުގައިވެސް ވަނީ، ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ.

ފޯރަމްގައި ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގުޅުން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފަ. އަދި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތައްވެސް މި ފޯރަމްގައި ވަނީ އޮޅުންފިލުވައިދެއްވާފަ.

ކިޔުންތެރިންގެ ހިޔާލު