ENGLISH

07 މޭ 2026

Advertisement

ޑޮލަރު އެކައުންޓުތަކުގެ ވެރިންނަށް ރީޓެއިލް ސައިޓުތަކުން ވިޔަފާރިކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް

06 މޭ 2026

|

އައިމިނަތު ޝަފާ

ގައުމީ ބޭންކް-- ބީއެމްއެލްގެ މަރުކަޒު

ޑޮލަރު އެކައުންޓުތަކުގެ ވެރިންނަށް ރީޓެއިލް ސައިޓުތަކުން ވިޔަފާރިކުރުމަށް އެއްވެސް ހިފަހެއްޓުމެއް ނޯންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ބުނެފި އެވެ. 

ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު ލިމިޓު ކުރަން ނިންމާފައިވާއިރު ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަތަކެއް ދައްކަމުން ނެވެ. 

މިކަމުގެ ހަގީގަތް ބަޔާންކޮށްދެއްވައި ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން ޓީމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށެވެ. މިފަދަ ވިޔަފާރިތައް ކުރުމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް މި ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށެވެ. 

ބީއެމްއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑު ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ވެބްސައިޓުތަކުން ބޭނުންކުރާ ކަމަށެވެ. މިގޮތުން ކޮންޓްރޯލު ކުރާ ވެބްސައިޓުތަކުގެ ތެރޭގައި ޝެއިން އަދި ޓެމޫ ފަދަ މަގުބޫލު ވެބްސައިޓުތައް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޭންކުން ހާމަކުރި ގޮތުގައި އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ބޭނުންކުރަނީ ކަސްޓަމަރުންގެ އެންމެ 3 އިންސައްތައަށް ވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ. އެހެންކަމުން މި ބަދަލުގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް މާ ބޮޑު ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް ބޭންކުން ލަފާކުރެއެވެ.

މީގެ އިތުރުން، މި ނިންމުމަކީ ހަމައެކަނި ރުފިޔާ ކާޑުތަކަށް އަންނަ ބަދަލެއް ކަމަށާއި، ޑޮލަރު ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ ކަން އޭރުވެސް ބީއެމްއެލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު