ENGLISH
05 މޭ 2026
މާބޮޑަށް ގާ ހުދުވާނަމަ ބިން ހިއްކުމުގެ ކަންކަން މަޑުޖައްސާލެވިދާނެ: ވަޒީރު އަލީ ޝަރީފް
05 މޭ 2026
|
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
އެންމެ މަޤްބޫލު
ކަނޑުގެ ހޫނުމިން އުފުލުމާ ގުޅިގެން ހިނގާ ގާ ހުދުވުމުގެ ހާދިސާތައް މާބޮޑަށް އިތުރުވާނަމަ އެ ހާދިސާ ހިނގާ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ ކަންކަން މަޑުޖައްސާލެވިދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފިނިހޫނުމިން އާދަޔާޚިލާފަށް މަތިވުމަށް މެދުވެރިވާ ހާލަތެއް ކަމަށްވާ "އެލް ނީނޯ"އެއް މި މަހު ކުރިމަތިވެދާނެކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ، ޑަބްލިއުއެމްއޯ އިން ވަނީ ބުނެފަ އެވެ.
އެލް ނީނޯގެ އަކީ މެދުތެރެއާއި އިރުމަތީގެ ޕެސިފިކް ކަނޑުގެ މަތީ ފަށަލަ ހޫނުވުމަށް މެދުވެރިވާ ހާލަތެކެވެ. މި ހާލަތު ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ދިގު ދެމިގެންދެއެވެ. މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން ބައެއް ހިސާބުތަކުގައި މަތިވެ އަނެއް ބައި ހިސާބުތަކަށް ވިއްސާރަކުރާ ގޮތް މެދުވެރިވެއެވެ.
ޑަބްލިޔުއެމްއޯއިން ވަނީ، އިކުއިޓޯރިއަލް ޕެސިފިކްގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަރަށް ހަލުވިކަމާއެކު މަތިވަމުންދާކަން ފާހަގަކޮށްފައެވެ. އެއާއެކު މި އަހަރުގެ މެއި މަހާއި ޖުލައި މަހާ ދެމެދު އެލް ނީނޯގެ ހާލަތު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެލްނީނޯ އާއި ލާނީނާގެ ހާލަތު މެދުވެރިވުމުން ކަނޑުގެ ލޮނުގަނޑު ވަކި މިންވަރަކަށް ހޫނުވެ މުރަކަތަކަށް ކާނާ ހޯދައިދޭ އަލްގީ މުރަކައިގެ ތެރެއިން ބޭރުކޮށްލަ އެވެ. މިކަމުގެ ސަބަބުން ގާ ހުދުވުމުގެ ހާލަތާ ކުރިމަތިލާންޖެހެ އެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ގާ ހުދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މީގެ ކުރިންވެސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި މިދުވަސްވަރު ވެސް މި މައްސަލަ މާބޮޑަށް ދިމާވާނަމަ މިފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"މީގެ ކުރިން މިކަން ނުރައްކާ މިންވަރަކަށް އިތުރުވުމުން އެބަހުރި ބިން ހިއްކަމުން އައި ތަންތަނުގައި އެ މަސައްކަތް ހުއްޓާލާފައި ވެސް. އެއީ ވެސް ކުރެވިދާނެކަމެއް މިހާރު ވެސް އަޅުގަނޑުމެންނަށް. ދެން ހަމަ އެއާއެކު އީއައޭ ރިޕޯޓުތަކުގައި ހުންނާނެ ގާ ހުދުވުމުގެ އަސަރު ކުޑަކުރެވޭނެހެން މަޝްރޫއުތައް ހިންގުމުގެ ލަފާދީފައި،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާރު ވެސް ފަރުތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އަށް ވަނަ އަހަރާއި 2016ވަނަ އަހަރު އެލްނީނޯގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މުރަކަ ހުދުވެ ފަރުތައް މަރުވެފައި ވެއެވެ. އަދި 2023 ވަނަ އަހަރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުން ގާ ހުދުވުމުގެ އަލާމާތްތައް ފެނިފައިވެއެވެ.
ގާ ހުދުވާނަމަ ކުރެވޭނީ ކޮން ކަމެއް؟
ބިން ހިއްކުންފަދަ މަސައްކަތްތައް މި ދުވަސްވަރު މަޑުޖައްސައިލުމާއި، ފީނުމާއި މޫދު ކުޅިވަރުތަކުގެ ތެރޭ މުރަކައިގައި އަތް ނުލުމާއި ވެލިގަނޑު ބުރައިގެން ދާހެން އަމަލުނުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ނަގިލި އެޅުމުގައި ސަމާލުވުމާއި، ނަނާއި ދާގަނޑު މޫދަށް ދޫކޮށް ނުލުމުގެ އިތުރުން، ދިރޭ މުރަކަ ނުނެގުން ވެސް ހިމެނެ އެވެ.