ENGLISH

05 މޭ 2026

Advertisement

އެސްޓީއޯގެ ފާމަސީތައް ޖުލައި 1 ގައި ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރަނީ

05 މޭ 2026

|

އާމިނަތު ނުޒްލާ

ސްޓޭޓްފާމާ-- ފޮޓޯ: ޖަވިޔަނި

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ ދަށަށް އެސްޓީއޯގެ ފާމަސީތަކާއި ބޭސް އެތެރެކުރުމުގެ މުޅި ނިޒާމު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، ބޭހުގެ މައްސަލައަކީ މިހާރު ގައުމީ ފެންވަރުގެ މައްސަލައެއްކަމަށާއި، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝާހް ވިދާޅުވީ، މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގޭ ގޮތުގައި ބޭހުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ޝާހް ފާހަގަކުރެއްވީ ރާއްޖޭގައި ބޭސް ހުރި މިންވަރާއި، ސްޓޮކް ލެވެލް އަދި ކުރިއަށް ބޭނުންވާނެ މިންވަރު ދުރާލާ އަންދާޒާކުރާނެ ނުވަތަ "ފޯކާސްޓް" ކުރާނެ އެކަށީގެންވާ ސިސްޓަމެއް ނެތްކަމެވެ. ނަތީޖާއެއްގެ ގޮތުން ބޭސް ހުސްވުމުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މި ނިޒާމު އާ ގޮތަކަށް ބައްޓަންކުރުމަށްކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު އިތުރަށް ވިދާޅުވީ، ބޭހުގެ ސްޓޮކް "ލައިވްކޮށް" ފެންނާނެ ފަދަ ޒަމާނީ އީއާރްޕީ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިއަހަރު ޖުލައި މަހު އެކެއްގައި އެސްޓީއޯގެ ފާމަސީތައް ބަދަލުވުމުން، މި ސިސްޓަމްގެ އެހީގައި ކޮންމެ ފާމަސީއެއްގައި ހުރީ ކޮން ބޭހެއްކަން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. އަދި ހަމަމިއާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ސީދާކޮށް ދެނެގަނެވި، ބޭސް އެތެރެކުރުމުގެ ޕްލޭންތައް ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާބާދީ ކުޑަވުމުގެ ސަބަބުން ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން "ބަލްކް" ކޮށް އޯޑަރު ނުނެގުންކަމަށް ޝާހު ވިދާޅުވި އެވެ. އެހެންކަމުން ދުރާލާ ޕްލޭންކޮށްގެން މިކަންތައްތައް ރޭވުމުން މި މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

"ބޭހުގެ މައްސަލަ މިހިސާބަށް އައީ އޯވަނައިޓަކުން ނޫން. މަޑު މަޑުން މި މައްސަލަ ގޯސްވަމުން ވޭތުވެދިޔަ އަހަރު ތަކުގަ މިކަމަށް އެޑްރެސް ނުކުރެވި ނުވަތަ ދަތިގޮތަކަށް ސިސްޓަމް ތެރޭގަ ފްރެގްމެންޓް ވެގެން އެކި ގޮތްގޮތަށް މަސައްކަތް ކުރަން ޖެހިފަ ހުރުމުގެ ސަބަބުން ރަނގަޅު ހައްލެއް ނުލިބި އޮތީ" ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޝާހް މާހިރު ވިދާޅުވި އެވެ.

ސްޓޭޓްފާމާއިން މިހާރު އަންނަނީ ގިނަ މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ނުލިބޭ ބޭސްތައް ބޭރުން ގެނެސްދިނުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފަ އެވެ. މީގެ އިތުރުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް (1505) މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ސްޓޭޓްފާމާގެ އަމާޒަކީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުން ކަމަށާއި، މިކަމުގައި އެންސްޕާގެ އެޕްރޫވަލް ބޭނުންވާ ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރާނެ މެކޭނިޒަމެއް މިހާރު އޮތް ކަމަށް ޝާހް ވިދާޅުވި އެވެ.

ސްޓޭޓްފާމާ އަކީ ރާއްޖޭގެ ބޭހުގެ ނިޒާމު ހަރުދަނާކޮށް، ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގަރާރުން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، އެސްޓީއޯއިން ކުރަމުން އައި ފާމަސޫޓިކަލް އަދި މެޑިކަލް ސަޕްލައިގެ މަސައްކަތްތައް ވަކި ކުންފުންޏެއްގެ ދަށުން ހަރުދަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު