ENGLISH
05 މޭ 2026
އިންސާނާގެ މިޒާޖު ކަނޑައަޅަނީ އުފަންވާއިރު ހުންނަ ސިފަތަކުންތޯ ނުވަތަ ތަރުބިއްޔަތުންތޯ؟
05 މޭ 2026
|
އިންސާނާގެ މިޒާޖު ބައްޓަންވަނީ ކޮންގޮތަކަށްތޯ ބެލުމަށް ދިރާސާތައް އަންނަނީ ކުރަމުން-- ފޮޓޯ: އެމަނުއަލް ލަފޮންޓް
އެންމެ މަޤްބޫލު
އިންސާނާގެ އުޅުމާއި، މިޒާޖާއި، އަދި ޝަޚްސިއްޔަތު ބައްޓަންވަނީ އުފަންވާއިރު ލިބިފައިވާ ޖީންސްތަކުގެ ސަބަބުންތޯ ނުވަތަ އޭނާ ބޮޑުވާ މާހައުލާއި ތަރުބިއްޔަތުގެ ސަބަބުންތޯ ކުރެވޭ ބަހުސަކީ ޒަމާންވީ ބަހުސެކެވެ. ސައިންސްވެރިން މިހާރު އަންނަނީ މިކަމާ ގުޅޭގޮތުން އާ ހޯދުންތަކެއް ހޯދަމުންނެވެ.
މި ބަހުސް އަލުން ހޫނުވެގެން ދިޔައީ 2009 ވަނަ އަހަރު އިޓަލީގައި ހިނގި މަރުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލާގައި އަބްދުލްމާލިކް ބަޔޫތު ނަމަކަށް ކިޔާ މީހަކު، އޭނާއަށް މަގުމަތިން މަލާމާތްކުރި މީހަކަށް ވަޅިން ހަމަލާދީ މަރާލުމުން އިއްވި ނުވަ އަހަރުގެ ޖަލު ހުކުމްއެކެވެ. އޭނާގެ ވަކީލުން ވަނީ ޖީންސްއާ ގުޅުވައިގެން އޭނާއަށް ކުރި ހުކުމް ކުޑަކޮށްފަ އެވެ. ވަކީލުން ބުނި ގޮތުގައި ބަޔޫތުގެ ހަށިގަނޑުގައި "ވޭރިއަރ ޖީން" ނުވަތަ ހަރުކަށި އަމަލުތަކަށް މަގުފަހިކުރާ ޖީންއެއް ހުރެ އެވެ. އެހެންކަމުން އޭނާގެ އަމަލުތަކަށް އޭނާ ފުރިހަމައަށް ޒިންމާދާރު ނުކުރެވޭނެ ކަމަށް ބުނެ ކުރި އިސްތިއުނާފު ކާމިޔާބުވެ، އޭނާގެ ހުކުމުން އަހަރެއް އުނިކޮށްފައިވެ އެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ސައިންސްވެރިން ބުނަމުން އަންނަނީ "އެމްއޭއޯއޭ" ނަމަކަށް ކިޔާ ޖީންއަކާއި އަނިޔާވެރި އަމަލުތަކާ ގުޅުމެއް ހުރިކަމަށެވެ. އެހެންނަމަވެސް، ފަހުގެ ހޯދުންތަކުން އެގިފައިވާގޮތުގައި އިންސާނާގެ މިޒާޖު ބައްޓަންވަނީ މަދު ޖީންސްތަކަކުން ނޫނެވެ. އެހެންނަމަވެސް އެކަމުގައި ގިނަ ޖީންސްތަކެއްގެ ރޯލްވާކަމަށް ދެނެގަނެވިފައިވެ އެވެ. އޭމްސްޓަޑަމް ޔޫއެމްސީގެ އެސިސްޓަންޓް ޕްރޮފެސަރ އައިސޫ އޮކްބޭ ވިދާޅުވި ގޮތުގައި، އެންމެ ޖީންއެއްގެ ސަބަބުން އިންސާނާގެ މިޒާޖަށް ބޮޑު ބަދަލެއް އަންނަކަމަށް ކުރިން ގަބޫލުކުރި ކުރުން މިހާރު ވަނީ ދޮގުކުރެވިފަ އެވެ.
އިންސާނާގެ މިޒާޖު ބެލުމަށްޓަކައި އެއްމާބަނޑު ދެބެއިން ބޭނުންކޮށްގެން ގިނަ ދިރާސާތަކެއް ކޮށްފައިވެ އެވެ. އެގޮތުން 1958 އާއި 2012 އާ ދެމެދު ކުރެވުނު 2،500 އަށްވުރެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ މިޒާޖުގެ ގާތްގަނޑަކަށް 40 އިންސައްތައާ އާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކީ ވާރުތަވާ ކަންކަމެވެ. މިޒާޖުގެ ބާކީ ބައި ބިނާވަނީ އެމީހަކު ދިރިއުޅޭ މާހައުލާ އެވެ.
އައިޑެންޓިކަލް ޓްވިންސްގެ އެއްގޮތް މިޒާޖެއް ހުރުން އެކަށީގެންވޭ-- ފޮޓޯ: އެމަނުއަލް ލަފޮންޓް
ދިރާސާތާކުން އެގިފައިވާ ގޮތުން، ބޮޑެތި ހާދިސާތަކުގެ ސަބަބުން (މިސާލަކަށް ލޮޓަރީއެއް ދިމާވުން ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވުން) އިންސާނާގެ މިޒާޖަށް ބޮޑު ބަދަލެއް އައުން އެކަށީގެންވެ އެވެ. ނަމަވެސް ސައިކޮލޮޖީގެ މާހިރު ބްރެންޓް ރޮބާޓްސް ބުނެފައި ވަނީ، ބޮޑުވަމުން އަންނައިރު ކުރިމަތިވާ ހިތާމަވެރި ހާދިސާތަކުން ނަފްސާނީ ގޮތުން އަސަރުކުރި ނަމަވެސް، ބޮޑުވެފައި ހުންނަ މީހަކަށް ދިމާވާ އެފަދަ ހާދިސާއަކުން އޭނާގެ އަސްލު މިޒާޖަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ޖީނޯމްގެ ދިރާސާތަކުގައި އެތައް މިލިއަން މީހުންގެ ޑޭޓާ ބޭނުންކުރަމުންދެ އެވެ. އެގޮތުން ސައިންސްވެރިންނަށް އެނގިފައިވަނީ އިންސާނާގެ މިޒާޖަކީ އެތައް ހާސް ޖީންސްތަކެއްގެ ކުދިކުދި އަސަރުތަކުން އުފެދޭ އެއްޗެއް ކަމެވެ. ހަމައެފަދައިން، މާހައުލުގެ ތެރެއިން ލިބޭ ކޮންމެ ކުޑަ ތަޖުރިބާއަކީވެސް އިންސާނާގެ ޝަޚްސިއްޔަތު ބައްޓަންކުރުމުގައި ދައުރެއް އަދާކުރާ ކަމެއް ކަމެވެ.
މި ހޯދުންތަކުން އެނގިގެންދަނީ އިންސާނާއަކީ ހަމައެކަނި އޭނާގެ ޖީންސްގެ އަޅެއް ނޫން ކަމާއި، އޭނާ ދިރިއުޅޭ މާހައުލާއި އޭނާ ކުރާ ތަޖުރިބާތަކަކީ އޭނާގެ އުޅުން ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމެވެ. އިންސާނާގެ ނަފްސުގެ ކޮންމެ ސިފައަކީ އެތައް ކަމެއްގެ މައްޗަށް ބިނާވެފައިވާ ވަރަށް އޮޅުންބޮޅުން ބޮޑު މައުޟޫއެކޭ ބުނެވިދާނެ އެވެ. އެއީ މީހެއްގެ ސިފައާއި ގުޅިގެން އެކި މީހުން ގަބޫލުކުރާ ގޮތާ ދެކޭ ގޮތް ތަފާތުވީމަ އެވެ. ބައެއް މީހުންގެ ސިފަތައް އެމީހަކަށް ލިބެނީ ކިހިނެއްކަން ހުދު އޭނާއަށްވެސް ނޭގުމަކީ އެކަށީގެންވާ ކަމަކެވެ.