ENGLISH
05 މޭ 2026
ތަފާތު ގޮންޖެހުންތަކާއެކުވެސް ދިވެހި ސަރުކާރުގެ ވިލުންތެރިކަމާއި ދުރުވިސްނުން ސާބިތުކޮށްދީފި: ސައީދު
05 މޭ 2026
|
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
އެންމެ މަޤްބޫލު
ފާއިތުވި ދެ އަހަރު ރާއްޖެއަށް ކުރިމަތިލާންޖެހުނު ތަފާތު ގޮންޖެހުންތަކާއެކުވެސް ދިވެހި ސަރުކާރުގެ ވިލުންތެރިކަމާއި ދުރުވިސްނުން ސާބިތުކޮށްދީފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ސްރީލަންކާގައި ކުރިއަށްދާ އިންވެސްޓުމެންޓު ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ ސަރުކާރުން އިސްކަންދޭ ކަންކަން ވަރަށް ސާފު ކަމަށެވެ. އެއީ މާލީ ރަނގަޅު ސުލޫކު އިއާދަކުރުމާއި، ވާރުތަވި ދަރަނި ޒިންމާދާރުކަމާއެކު މެނޭޖުކުރުމާއި، ދިރިއުޅުމުގެ އަގުތައް އިސްތިގުރާރުވާނެ ގޮތަކަށް ހިފަހެއްޓުންކަމަށްވެސް ވިދާޅުވިއެވެ.
މި އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރަންޖެހުނީ، ދުނިޔޭގެ އިގުތިސާދަށް ކަށަވަރުކަން ގެއްލުމާއި، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއެރުމާއި، ބައިނަލްއަގުވާމީ އިންފުލޭޝަން މަތިވުމާއި، މާލީ ޖާގަ ހަނިވުން ފަދަ ގޮންޖެހުންތަކުގެ ތެރޭގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިފިއްތުންތަކާއެކުވެސް ފާއިތުވި ދެ އަހަރުން ފެނިގެންދަނީ ދުރުވިސްނުމާއި، ވިލުންތެރިކަން. ހިފަހެއްޓުންތެރި މާލީ ސިޔާސަތުތަކާއި އެކަށީގެންވާ ވަގުތުގައި މުނާސަބު ނިންމެވުންތައް ނިންމަވައިގެން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުންވަނީ މެކްރޯއިކޮނޮމިކް އިތުބާރު ހަރުދަނާކޮށްދީފައި. އެކަމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްް ހުޅުވުންފަދަ މުހިއްމު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް މަގުފަހިވި،" ސައީދު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގައި ހަތަރު ބައިނަލްއަގުވާމީ އެއާޕޯޓާއެކު 24 ޑޮމެސްޓިކް އެއާޕޯޓު ހިންގަމުންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހާސިލުކުރެވުނު މުހިއްމު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ވަށާޖެހޭ ތަސައްވުރެއްގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބެއް ކަމަށާއި، ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް މުސްތަގުބަލަށް ތައްޔާރުވެފައިވާ އިގުތިސާދަކަށް ބަދަލުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތުގައި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ގެދޮެރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކުމާއި، އާބަން ތަރައްގީގެ މުހިއްމު މަޝްރޫއުތައް ހިންގުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ ތާރީހުގައި ކުރިން ފެނިފައި ނެތް ބޮޑުމިނުގައި ކުރިން ތަޖުރިބާކުރެވިފައި ނެތް ދުވެލީގައި ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ.
"ހަމައެއާއެކު ސަރުކާރުން ގެންދަނީ އިގުތިސާދުގެ އަސާސްތައް ހަރުދަނާކުރަމުން. ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަަށް އަމަލުކުރަން ފެށުމާއި އެސްއީޒެޑް ގާނޫނު ތަންފީޒުކުރަން ފެށުމާއި، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓެއް ކަމުގައިވާ އައިލާ ޓައުންޝިޕް މަޝްރޫއު ފެށުމަކީ ސާފު އަދި ރޭވުންތެރި އިސްތިރާޖިއްޔާއެއް ރިވެލިވާ ކަންކަން،" ސައީދު ވިދާޅުވިއެވެ.
ރައީސްގެ ވިސްނުންފުޅަކީ އިސްތިރާޖީ ގޮތެއްގައި ޑިޖިޓަލައިޒޭޝަންއާއި މަސްވެރިކަމުގެ އެގު އެއްކުރުމުގެ މަސައްކަތްތަކާއި ލޮޖިސްޓިކްސްއާއި އިއާދަކުރަނަވި ހަކަތައާއި މާލީ ހިދުމަތްތައް ފަދަ ދާއިރާތައް ތަރައްގީކޮށް، ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރަށް، ރައުސުލްމާލާއި ހުނަރާއި ފުރުސަތުތައް ގުޅުވައިދޭ މަރުކަޒަކަށް ރާއްޖެ ހެއްދެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރުވެސް އެކި ދާއިރާތަކުގައިި ލަންކާގެ ވިޔަފާރިތައް ޜާއްޖޭގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖެއާއި ލަންކާގެ މެދުގައި ވިޔަފާރިކުރުމަށް އެތައް ގިނަ ފުރުސަތުތަކެއް ހުޅުވިފައި އެބަހުރި ކަމަށެވެ. ރާއްޖެއާއި ލަންކާއިން ހިއްސާކުރާ ގޮންޖެހުންތަކުން ހިއްސާކުރުވަނިވި ފުރުސަތުތައް އުފަންވެގެންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ލަންކާއާއި ރާއްޖޭގެ މެދުގައި އޮތް ވިޔަފާރީގެ އިމްބެލެންސަކީ ރާއްޖެއިން ލަންކާއަށް މުދާ ބޭރުކުރުމާއި، ގުޅިގެން ކުރާ ވިޔަފާރިތައް އިތުރުކުރުމަށް ފަހިވެފައި އިތް ފުރުސަތެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.