ENGLISH

05 މޭ 2026

Advertisement

މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު 92 އިންސައްތައަށް އިތުރުވެއްޖެ

05 މޭ 2026

|

އާމިނަތު ނުޒްލާ

ރާއްޖޭއިން މަސް އެކްސްޕޯޓް ކުރާ މިންވަރު އިތުރުވުން-- ފޮޓޯ: ބީބީސީ

މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު 92 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޕޯޓުން ދައްކައިފި އެވެ.

އެމްއެމްއޯ އިން އާއްމުކޮށްފައިވާ ރިޕޯޓްގައި،މިދިޔަ އަހަރު ކުންފުނިތަކުން މަސް ގަތް މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. މި ރިޕޯޓްގައިވާ ގޮތުން މިދިޔައަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 36,538 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2024ވަނަ އަހަރާއި އަޅާބަލާއިރު %92 އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނީ، ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު އިތުރުވެފައިވަނީ، ރާއްޖެއިން ކަނޑުމަސް ބޭރުވުރި މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ. މި ރިޕޯޓްގައިވާ ގޮތުން ރާއްޖެއިން ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ 158 އިންސައްތަ ނުވަތަ 35،181.5 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ. ހަމަމިއާއެކު ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓް ކުރި މިންވަރުވެސް ހަތް އިންސައްތަ އަށް އިތުރުވެފައިވެ އެވެ. މިއީ މެޓްރިކް ޓަނުން ބަލާނަމަ 553.7 ގެ އިތުރުވުމެކެވެ.

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސް ބޭރުކުރާ ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރަށްވެސް މިދިޔަ އަހަރު ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.  އެގޮތުން ކުންފުނިތަކުން މަސް ގަތް މިންވަރު ވަނީ 66 އިންސައްތަ އަށް އިތުރުވެފަ އެވެ. ރިޕޯޓްގައިވާ ގޮތުން މަސްގަތް މިންވަރުގެ މިފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ކަނޑުމަސް ގަތް މިންވަރު 80 އިންސައްތައަށް އިތުރުވުމުންނެވެ. މިއީ މެޓްރިކް ޓަނުން ބަލާނަމަ 32000 މެޓްރިކް ޓަނެވެ. މީގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރުވެސް 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ ނުވަ އިންސައްތަ  އިތުރުވެފަ އެވެ. އެއީ 510.8 މެޓްރިކް ޓަނެވެ. ހިއްކި މަސް ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަނީ 32 އިންސައްތަ އިތުރުވެފަ އެވެ. އެއީ 364.5 މެޓްރިކް ޓަނުކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭއިން އެކްސްޕޯޓް ކުރާ މުދަލުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ މަހުގެ ބާވާތްތަކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމެވެ. އެގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށްލަންޖެހެ އެވެ. އެގޮތުން މަސް ރައްކާ ކުރާ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ޕްރޮސެސް ކުރާ ކެޕޭ ސިޓީ އިތުރުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ތިން އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ ނުވަ ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު