ENGLISH
05 މޭ 2026
ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރުގައި ބޭނުންކުރާ ކަން ބޭންކަށް އެނގޭނެ ރައްކާތެރި ނިޒާމެއް އޮތުން މުހިއްމު
05 މޭ 2026
|
އެންމެ މަޤްބޫލު
ބީއެމްއެލްގެ ކާޑުތައް ރާއްޖެއިން ބޭރުގައި ބޭނުންކުރާއިރު އެ ކާޑު ބޭނުންކުރަނީ ކާޑުގެ ވެރިފަރާތްކަން ކަށަވަރުކުރުމުގެ ހައްގަކީ ބޭންކަަށް އޮންނާނެ ހައްގެކެވެ. ކާޑު ދޫކުރާއިރު، ބޭންކާއި ކާޑުގެ ވެރިފަރާތާ ދެމެދުގައި ގާއިމުކުރެވޭ އެއްބަސްވުމުގެ އެއް ނުކުތާއަކީ ކާޑު އެހެން ފަރާތަކަށް ދީ ކާޑުގެ ޕިން ހިއްސާނުކުރުމަށް ވެވޭ އެއްބަސްވުމެވެ. މި އެއްބސްވުމުގެ މަގުސަދަކީ ކާޑު ބޭނުންކޮށްގެން އޮޅުވައިލުމާއި ފްރޯޑު ހިންގުމަށް ހުރަސްއެޅުމެވެެ.
ރާއްޖޭގެ ފުންނާބުއުސް ގާނޫނީ ވަކީލު ހަމްޒާ ލަތީފު އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ފާހަގަކުރިހެން ބީއެމްއެލްއިން ޑޮލަރުން ފޯރުކޮށްދޭ އެހީއަކީ އިމްތިޔާޒެއް ނުވަތަ އިނާޔަތެކެވެ. އެއީ ހައްގެއް ނޫނެވެ. އެ ޑޮލަރު ބޭނުންކޮށްގެން ބޭންކަށް އޮޅުވާލައި ބޭންކުގެ ދީލަތިކަމުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމުގެ ހައްގު ބޭންކަށް އޮންނާނެއެވެ.
އެ އަމާޒު ހާސިލުކުރުމަށް ބޭންކުން އެޅި އެއް ފިޔަވަޅަކީ ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖެއިން ބޭރުގައި ބޭނުންނުކުރެވޭ ގޮތަށް ހަމަޖެއްސުމެވެ. ކާޑުގެ ވެރި މީހާ ހުރީ ރާއްޖޭގައިކަން ނުވަތަ ބޭރުގައިކަން ކަށަވަރުކުރުމަށް ބޭންކާއި އިމިގްރޭޝަނުގެ މެދުގައި ނިޒާމެއް ގާއިމުކުރެވިފައިވެއެވެ. އެ ނިޒާމު ގާއިމުކުރެވުނުކަން އިއުލާނުކުރުމާއެކު ބޭންކަށް އިމިގްރޭޝަނުން ދޭ މައުލޫމާތަކީ ޒާތީ މައުލޫމާތުކަމުގައި ބުނެ ބަޔަކު ނުރުހުން ފާޅުކުރަންވަނީ ފަށާފައެވެ.
މި މައްސަލައަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސްއަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ބޭންކުން ދޫކޮށްފައިވާ ޑެބިޓު އަދި ކްރެޑިޓު ކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސް އެ ކާޑުތަކުގެ ލިމިޓުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެވެ. އެކަކު 100 އެއްހައި ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރުމުގެ މައްސަލަތައްވެސް ފެންމަތިވެފައި އެބަހުއްޓެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ބީއެމްއެލްއިން ނިންމީ އެ ކުންފުނިން ދޫކޮށްފައިވާ ކާޑެއް ބޭރުގައި ބޭނުންކުރެވޭނީ އެ ކާޑުގެ ވެރި ފަރާތަށް އެކަނިކަން ކަށަވަރުކުރުމަށެވެ. އެކަން ކުރުމަށް އިމިގްރޭޝަނުގެ ޑޭޓާ ބޭނުންވާނެއެވެ. އެއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން އެނގޭނީ އެ އިދާރާއަށް ކަމުގައިވާތީއެވެ.
މިފަަދަަ ހައްސާސް މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކުން މީހުންނާ ގުޅުންހުރި މައުލޫމާތު ހާމަކުރުމުގައި ބަލަންޖެހޭ އެންމެ އަސާސީ މިންގަނޑަކީ "ޕްރޮޕޯޝަނަލިޓީ" އެވެ. އެއީ ހައްލު ހޯދަން އުޅޭ މައްސަލަައަށް ހައްލު ލިބޭ މިންވަރަށް މައުލޫމާތު ހިއްސާކުރުމެވެ.
މި މައްސަލައަށް ބަލާއިރު ބޭންކަށް ބޭނުންވާ ހަމައެކަނި މައުލޫމާތަކީ ކާޑުގެ ވެރިމީހާ ރާއްޖެއިން ބޭރުވި ކަމެވެ. އޭނާ ދަތުރުކުރާ ގައުމާއި، އެ ގައުމެއްގައި ހޭދަކުރާ މުއްދަތަކީ ބޭންކުގެ ޒަރޫރަތަށްޓަކައި ބޭންކަށް އެނގުން ލާޒިމު މައުލޫމާތެއް ނޫނެވެ.
ހަމްޒާ ފާހަގަކުރެއްވި ގޮތުގައި ކާޑެއް ރާއްޖެއިން ބޭރުގައި ބޭނުންކުރާއިރު، އެ ކާޑުގެ ވެރިމީހާ ހުރީ ރާއްޖޭގައިކަން ނުވަތަ ނޫންކަން އެކަނި އެނގޭ މިންވަރަށް މައުލޫމާތު، ހަމައެކަނި އެ ހާލަތުގައި ބޭންކާ ހިއްސާކުރުމަކީ އޮޅުވާލައިގެން އެހެން މީހެއްގެ ކާޑު ބޭނުންކުރުން ހުއްޓުވުމަށްް ރަނގަޅު ގޮތެކެވެ.
މިފަދަ ހައްސާސް ކަންކަމުގައި، ދައުލަތުން ހިފަހައްޓަންޖެހޭ އެންމެ މުހިއްމު މިންގަނޑަކަށްވާންވާނީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ލިބިގެންނުވާނެ ބަޔަކަށް ނުލިބޭކަން ކަށަވަރުކުރުމެވެ. ދައުލަތުގެ އިދާރާތަކުން އެއްކުރާ ޒާތީ މައުލޫމާތަކީ ހާއްސަ ވަކި ފަންކްޝަނެއް ނުވަތަ ދައުރެއް އަދާކުރުމަށް އެއްކުރާ މައުލޫމާތެވެ. މިސާލަކަށް އިމިގްރޭޝަނުން އެއްކުރާ މަައުލޫމާތަކީ ގައުމީ ސަލާމަތާއި ބޯޑާ ކޮންޓްރޯލާއި ވިސާ ކަށަަވަރުކުރުން ފަދަ ކަންކަމަށް ބޭނުންކުރާ މައުލޫމާތެވެ.
މިދެންނެވި މިންގަނޑުތަކަށް ބަލާއިރު އެންމެ މުހިއްމު އުސޫލަކަށްވާނީ މި ބޭނުންތަކުގެ ބޭރުން އެއްވެސް އިދާރާއަކާ މައުލޫމާތެއް ހިއްސާކުރާނަމަ އެ ހިއްސާކުރާ މައުލޫމާތު ހިއްސާކުރެވެނީ ޑޭޓާ ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތެރެއިންކަން ކަށަވަރުކުރުމެވެ.
ހަމްޒާ ފާހަގަކުރެއްވި ގޮތުގައި މިހާރު ފެންމަތިވެފައި އޮތް މައްސަލައާ ގުޅިގެން އިމިގްރޭޝަނާއި ބޭންކް އޮފް މޯލްޑިވްސްގެ ސިޔާސަތުތަކަށް ގެންނަންެޖެހޭ ބަދަލުތައް ގެނެސް، ޑޭޓާގެ ރައްކާތެރިކަމަކީ ދެ އިދާރާގެ އެޖެންޑާގައި އިސްކަަންދޭ ކަންކަމުގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.
ހަމްޒާ ވިދާޅުވި ފަދައިން ކުށްތަަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކުގައި ހުރި ޑޭޓާ ހިއްސާކުރުމުގައި ދެފުށް ފެންނަ ގޮތެއްގައި ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް އެކަން ކުރުމަކީ ކޮންމެހެންވެސް އިސްކަންދޭންޖެހޭނެ ކަމެކެވެ.