ENGLISH
05 މޭ 2026
އާސަންދައިން ދޫކުރާ ފައިސާގެ 60 އިންސައްތަ ދޫކުރަނީ ފާމަސީތަކަށް: ޒީނިޔާ
05 މޭ 2026
|
އާސަންދައިގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ޒީނިޔާ އަދި ޓީމު، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
އާސަންދައިން ދޫކުރާ ފައިސާގެ 60 އިންސައްތަ ދޫކުރަނީ ބޭސްފިހާރަތަކަށް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ބޭސް ނުލިބުމުގައި ހުރި ދަތިތައް ދިރާސާކުރުމުގެ ގޮތުން އާސަންދައާއި ބޭސް ފޯރުކޮށްދިނުމަށް އުފެއްދި ސްޓޭޓް ފާމާ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓިއަށް މިއަދު ހާޒިރުކުރިއިރު އެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒީނިޔާ ވިދާޅުވީ ބޭސް ސިޓީ ހިފައިގެން ފާމަސީތަކަށް ދިއުމުން އާސަންދައިގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމީ ހަގީގަތެއް ކަމަށެވެ.
އާސަންދައިގެ ހަރަދުގެ ތެރެއިން 60 އިންސައްތައަކީ ބޭސް ފިހާރަތަކަށް ދޫކުރާ ފައިސާއަށްވާއިރު ސްކީމުން ބޮޑު ހަރަދެއް ބޭސް ފޯރުކޮށްދިނުމަށް ހިނގި ނަމަވެސް، އެ ސްކީމުގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިގެ ސްކީމުން ބޭހަށް ކަވަރޭޖު ދިނުމުގައި އަމަލުކުރާ އުސޫލަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ހުރިހާ ބޭހަކަށް އެ ސްކީމުން ކަވަރޭޖު ދިނުމެވެ. ބޭސް ފިހާރަތައް ރަޖިސްޓްރީކުރާއިރު އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތައް ލިބެންހުރިކަަން ކަށަވަރުނުކުރެވުމަކީ ބޭސް ލިބުމުގައި ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޒީނިޔާ އިތުރަށް ފާހަގަކުރެއްވީ ހުއްދަ ދީފައިވާ ބޭސްތަކުގެ ލިސްޓުގެ ތެރޭގައި ރާއްޖެއަށް އެއްގޮތަކަަށްވެސް އެތެރެނުކުރާ ބޭސްތައް ހިމެނޭއިރު، ރާއްޖެއަށް އެތެރެކުރާ ބޭސްތަކާއި އެތެރެކުރުން ހުއްޓިފައި ހުރި ބޭސްތަކަކީ ކޮބައިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުންނުދާކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ބޭސް އެތެރެކުރަނީ ޕްރިސްކްރިޕްޝަނަށް އަތުން ހިފައިގެން އިނގޭތޯ. އަތުން ހިފައިގެން އެތެރެކުރާ ބޭސްތައް ކަމުގައިވާތީ ބްރޭންޑުތައް ވަރަށް އަވަަހަށް ބަދަލުވޭ. ބްރޭންޑެއް މިއަދު ލިބެންހުރިއްޔާ އެ ބްރޭންޑެއް ފަހުން ނުލިބޭ. އަލަަށް ބްރޭންޑެއް ގެންނަންޏާ މިދަންނަވާ ލިސްޓުގެ ތެރެއަށް ލާންޖެހޭ،" ޒީނިޔާ ވިދާޅުވިއެވެ.
ނިމިދިޔަ އަހަރު ޖެނެރިކް ނަމުން ބޭސް ދޫކުރަން އާސަންދައިން ފެށުމުން ފާމަސީތަކުން ދޫކުރަނީ ކޮލިޓީ ދަށް ބޭސްކަމަށް ޝަކުވާ ލިބުނު ނަމަވެސް އެޕްރޫވްޑް ލިސްޓުގައި ހިމެނޭ ބޭސްތަކަކީ ރަނގަޅު ކޮލިޓީގެ ބޭސްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައިން ފައިސާ ނަގާ މައްސަލަވެސް ފާހަގަކުރެވިފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި ބައެއް ބޭސް ފިހާރައިން ބޭސްތައް ވިއްކަނީ ވަރަށް ބޮޑު ފައިދާއެއް ލައިފައެވެ. ބައެއް ބޭހަށް 500 އިންސައްތައިގެ ފައިދާއެއް ލައިގެން ބޭސް ވިއްކަމުންދާކަން ފާހަގަކުރެއްވިފައިވާކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަކީ ބަލްކު ޕްރޮކިއުމެންޓުކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަކީ ގައުމީ މައްސަލައެއްކަން ފާހަގަކުރައްވަމުން 800 އަށްވުރެ ގިނަ ފާމަސީ އެމްޕަނަލްކޮށްް 3،000 އަށްވުރެ ގިނަ ބޭހަށް އާސަންދައިން ކަވަރޭޖު ދޭއިރު، ބޭސްތައް ނުލިބުމުގެ މައްސަލަ މެދުވެރިވާ ސަބަބަކީ ކޮބައިކަން ހޯދައި އެކަމަށް ހައްލުތަކެއް ގެންނަންޖެހޭކަމަށް ޒީނިޔާ ވިދާޅުވިއެވެ.