ENGLISH

04 މޭ 2026

Advertisement

އޭޕްރީލް މަހު މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

04 މޭ 2026

|

އައިމިނަތު ޝަފާ

އޭޕްރީލް މަހުގެ ނިޔަލަށް މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ.

އޭޕްރީލް މަހުގެ ނިޔަލަށް މަސްވެރިންނަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް މަހު މިފްކޯއަށް މަސް ކިރުވި 1,068 ދޯންޏަކުން ކިރުވި މަހުގެ އަގުގެ ގޮތުގައި ޖުމްލަ 78،778،405 (ހަތްދިހަ އަށް މިލިއަން ހަތް ލައްކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ ފަސް ރުފިޔާ) ވަނީ އެ ދޯނިފަހަރަށް ޖަމާކޮށްދީފަ އެވެ.

މިދިޔަ މަހު މިފްކޯއަށް 4،414 ޓަނުގެ މަސް ކިރުވާފައި ވެއެވެ. 

މިދިޔަ މަހު ދޫކުރި  78 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 77،660،455 (ހަތްދިހަ ހަތް މިލިއަން ހަ ލައްކަ ފަސްދޮޅަށް ހާސް ހަތަރު ސަތޭކަ ފަންސާސް ފަސް) ރުފިޔާ ދޫކޮށްފައިވަނީ ކަޅުބިލަ މަހުގެ މަސްވެރިންނަށެވެ. ދިހަ ކިލޯއިން މަތީގެ ކަންނެލި ކިރުވި 91 ދޯންޏަކަށް 115،600 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 196 ދޯންޏަކަށް 1،002،350 (އެއް މިލިއަން ދެ ހާސް ތިން ސަތޭކަ ފަންސާސް) ރުފިޔާ ދޫކޮށްފައި ވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ. 

އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.

ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު